ދިވެހިރާއްޖޭގެ އަމާންކަމާއި، ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި، މާތް ޚުލްޤުފުޅުތަކުން ޒީނަތްތެރިވެފައިވާ، ފަސްވަގުތު ނަމާދަށް ފަރުވާތެރިވާ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުން ކަމަށާއި، އެއީ ބާއްޖަވެރިކަމުން ފުރިގެންވާ މައްސަރެއް ކަމަށެވެ.
ކޮންމެ އިޞްލާޙީ ބަދަލެއްވެސް ފަށަންޖެހޭނީ އަމިއްލަ ނަފްސުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޢާއިލާއާއި މުޖުތަމަޢު އަދި މުޅި ޤައުމު އިޞްލާޙުކުރަން އެދޭނަމަ، އެންމެ ފުރަތަމަ ފަރުދީ ޒިންމާ އަދާކޮށް، އަމިއްލަ ނަފްސު އިޞްލާޙުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހި މުޖުތަމަޢަކީ ޤާނޫނާއި ޤަވާޢިދުތަކަށް އިޙްތިރާމްކުރާ، ދީނީ އަގުތަކާއި ދިވެހިންގެ އާދަކާދަތައް ކުރިއަރުވާ ހަރުދަނާ މުޖުތަމަޢެއްގެ ގޮތުގައި ފެނުމަކީ އެމަނިކުފާނުގެ އުންމީދެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ފަސްވަގުތު ނަމާދުކުރާ، ކުޑަކުދިންގެ ކަރާމާތަށް ރައްކާތެރިވާ އަދި ބޮޑެތި މީހުންނަށް އިޙްތިރާމްކުރާ މުޖުތަމަޢެކެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ، އަދި ސިއްޙީ ގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމަޢެކެވެ. ހުރިހާ ކަމެއްގައިވެސް މާތްވެގެންވާ އިސްލާމްދީނުގެ އަޞްލުތަކަށް ފުރިހަމައަށް ބޯލަނބާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި ތަހުޒީބީ ރީތި އުޞޫލުތައް ނަގަހައްޓާ ބަޔަކު ދެކެން އަޅުގަނޑުމެން ބޭނުންވެއެވެ،" ރައީސް ވިދާޅުވިއެވެ.
މިފަދަ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދަކީ، ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމުގެ އިތުރުން، ޒަމާނާ އެއްގޮތަށް ކުރިއަރާފައިވާ ބަޔަކަށް ދިވެހިން ހެދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަމަޟާން މަހަކީ މާތް اللهގެ މަދަދާއި ފުރުޞަތުތައް ލިބިގަތުމަށް އޮތް ރަނގަޅު ވަގުތެއްކަން ބަޔާންކުރައްވަމުން، އެއީ އަޅުކަންތަކަށް ވަގުތު ހުސްކޮށް، ވަގުތަށް ކަމޭހިތުމާއި، ހިތާއި ރޫޙު ހެޔޮ ކަންކަމުގައި ހޭދަކުރަން ދަސްކޮށްދޭ މުހިންމު މައްސަރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.