ފެނަކައިގެ ކުރީގެ އެމްޑީ ސައީދު | ފޮޓޯ: ޕީއެސްއެމް

ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަތަރު އަހަރަށް ޖަލަށްލި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފިއެވެ.

"ޖުމްލަ" އަށް އެނގިފައިވާ ގޮތުގައި ސިއްހީ ސަބަބުތަކަކާ ގުޅިގެން ސައީދު ގޭބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ގޭބަންދުގައި ހުންނާނީ ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނޫނެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ލިބިފައެއް ނުވެއެވެ.

ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދިން މައްސަލައިގައެވެ. އެ މައްސަލައިގައި ސައީދުގެ މައްޗަށް ކުރީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.