ލ. ގަމުގެ ބައެއް ހިސާބުތަކަށް ކަރަންޓު ދޭން ފަށައިފި

އާއިޝަތު އަނާ ރަޝީދު
 
5 މަސް ކުރިން

ލ. ގަމުގައި ހުންނަ ފެނަކަ ބްރާންޗުގައި ރޯވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑި، ގަޑިއިރުތަކެއް ފަހުން މިރޭ އަލުން އެ ރަށުގެ ބައެއް ހިސާބުތަކަށް ކަރަންޓު ދޭން ފަށައިފިއެވެ.

ފަސް ހާސް މީހުން ދިރިއުޅޭ ގަމުގެ ފެނަކަ ބްރާންޗުގައި އަލިފާން ރޯވީ މިއަދު މެންދުރުފަހު 2:45 ހާއިރުއެވެ. އަލިފާން ނިއްވާލެވުނީ 3:50 ހާއިރު ނަމަވެސް، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ކަރަންޓު ދިނުން ވަގުތުން ފަށާފައެއް ނުވެއެވެ.

ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީ މިރޭ ވިދާޅުވީ، އިންޖީނުތައް މަރާމާތުކޮށް ސާވިސް ކުރުމަށް ފަހު، މިހާރު ރަށުގެ ވަކި ހިސާބުތަކަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ ކަމަށެވެ.

ފެނަކަ ބްރާންޗު ސަރަހައްދުގައި ހުންނަވައި ޒަކީ ވިދާޅުވި ގޮތުގައި، މިރޭ 12:00 ގެ ކުރިން މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.

އިންޖީނުގޭގައި ރޯވި ވަގުތު އެތަނުގައި ތިބި ބައެއް މުވައްޒަފުންނާ ޙަވާލާދީ ޒަކީ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އަލިފާން އެންމެ ފުރަތަމަ ފެށުނީ ދުންހޮޅީގައި ކަމަށާއި، އިންޖީނުގޭ ތެރެއިން އަލިފާން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް ކޮންޓްރޯލް ނުވީ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި، މި ހާދިސާ ހިނގި ސަބަބު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.