އައްޑޫ ސިޓީގެ ކަރަންޓުގެ ދަތިކަން ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ސިޓީއަށް ގެންދަން ނިންމާފައިވާ ތިން ޖަނަރޭޓަރުގެ ތެރެއިން 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް މިހާރު ވަނީ އެ ސިޓީއަށް ގެންގޮސްފައެވެ.
އައްޑޫއަށް ޖަނަރޭޓަރު ބާލަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއެކު ފެނަކައިން މިކަން މިއަދު ވަނީ ސޯޝަލް މީޑިއާ ބޭނުންކޮށްގެން އިޢުލާނުކޮށްފައެވެ.
މީގެ ދެ ދުވަސް ކުރިން ފެނަކައިން ބުނެފައިވަނީ އައްޑޫއަށް ގެންދަން ބޭރުން ގެނެސްފައިވާ 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރު މާލޭ ބަނދަރުގައި ހުރި ކަމަށެވެ. ނަމަވެސް އެ ދެ ޖަނަރޭޓަރު އަދިވެސް އައްޑޫއަށް ނުގެންދާ ސަބަބެއް އެނގޭގޮތް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު ނަޖާހު 'އަދަދު' އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު އައްޑޫއަށް ގެންދަނީ ތިން ޖަނަރޭޓަރު ކަމަށާއި، މާލޭ ބަނދަރުގައި ހުރި ކަމަށް ބުނެވުނު ދެ ޖަނަރޭޓަރު އަދިވެސް ވަނީ މާލޭގައި ކަމަށެވެ.
ނަޖާހު އިތުރަށް ވިދާޅުވީ، ވިޔަފާރި ބަނދަރުން ކްލިއަރެންސް ހަމަވި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ ދެ ޖަނަރޭޓަރު އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ލަސްވަމުންދާ ކަމަށާއި، މޫސުން ރަނގަޅުވުމާއެކު އެ ދެ ޖަނަރޭޓަރު ވެސް ވަރަށް އަވަހަށް އައްޑޫއަށް ގެންދެވޭނެ ކަމަށެވެ.
މިކަމަކީ އައްޑޫގެ ކަރަންޓުގެ ދަތިކަމަށް ވަގުތީ ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތެކެވެ. ފެނަކައިން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވާ ގޮތުގައި، އެ ސިޓީގެ ކަރަންޓުގެ ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނަޖާހު މިހެން ވިދާޅުވުމުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙުމަދު ޢަޒާން ވަނީ މި އަހަރަށް ބާކީ އޮތީ ދެ މަސްކަމަށްވާއިރު، އެ ދެ މަސްދުވަހުގެ ތެރޭގައި އައު އިންޖީނުތަކެއް ގަތުމަށް ބަޔަކާ ހަވާލުކުރަނީތޯ ނުވަތަ ދިރާސާއެއް ކުރަން ހަވާލުކުރަނީތޯ ސުވާލު އުފައްދާފައެވެ.
ޢަޒާންގެ ސުވާލަށް ޖަވާބު ދެއްވަމުން ނަޖާހު ވިދާޅުވީ، ދިރާސާތައް މިހާރު ވެސް ހެދިފައިވާ ކަމަށާއި، މި އަހަރު ފެށިގެންދާނީ ކަރަންޓުގެ ދަތިކަމަށް ޙައްލު ހޯދުމުގެ ޢަމަލީ މަސައްކަތް ކަމަށެވެ.
ނަޖާހު އިތުރަށް ވިދާޅުވީ، "ކޮންމެ ބަޔަކު ޙަވާލުވިޔަސް އަޅުގަނޑުމެންނަށް އެ ބޭފުޅުންނަށް ދިރާސާތައް ހިއްސާކުރެވިގެން، ލަސްތަކެއް ނުވެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. އެހެންކަމުން، އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށުން،" މިހެންނެވެ.