އައްޑޫ ސިޓީއަށް ބޭނުންވަނީ ތަރައްޤީ އާއި، ހަމަޖެހުމާއި، ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ފަދަ ޤާބިލް ކެންޑިޑޭޓުން ކަމަށާއި، އެގޮތުން މުޝްރިފް އަލީ އަކީ އެ ސިޓީއަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓު ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.
މިއަދު މީސް މީޑިއާގައި ކުރެއްވި ޓުވީޓެއްގައި ޒުލްފާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންގުޅުއްވާ ތަރައްޤީގެ ތަޞައްވުރުގެ ތިން ތަނބަކީ ތަރައްޤީއާއި، ހަމަޖެހުމާއި، އަދި ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. މުޝްރިފް އަލީ ފަދަ ބޭފުޅަކު އިންތިޚާބުވުމަކީ މި ތަޞައްވުރު އައްޑޫ ސިޓީގައި ޙަޤީޤަތަކަށް ހެދުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ލޯކަލް ގަވަރނަންސް ނުވަތަ ލާމަރުކަޒީ ހިންގުމަށް އާ އުންމީދުތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭ މި ދަނޑިވަޅުގައި، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ޕީއެންސީގެ ޓީމަށް ވޯޓު ދިނުމަށް ޒުލްފާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މި އިންތިޚާބަކީ އައްޑޫގެ މުސްތަޤުބަލަށް ނުހަނު މުހިންމު އިންތިޚާބެއް ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކާއެކު އައްޑޫ ސިޓީއަށް ތަރައްޤީގެ އާ ރަންޒަމާނެއް އަންނާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، އައްޑޫގެ ރައްޔިތުން މުޝްރިފް އަލީ އާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ދިނުމަކީ ސިޓީގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.