އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ޕީއެންސީގެ ޖަގަހަތައް

މުހައްމަދު ހަމީޒް
 
23 ގަޑިއިރު ކުރިން

އެންސީގެ ޖަގަހަތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައިލުމަކީ އަމާޒެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްއެމް ޓީވީގައި އޭނަ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީ ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޕާޓީގެ ހިންގުން ހަރުދާނުކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ޕާޓީ ހިންގެވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އެންމެ އިސްކަން ދެއްވައިގެން ކުރައްވާ އެ މަސައްކަތަކީ ރަށްްރަށުގައި ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރެއްވުން ކަމަށް އޭނަ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ޖަގަހައެއް ނެތް ރަށްރަށުގައި ވެސް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.

"ޖަގަހައެއް ރަސްމީކޮށް ނެތި ހިނގައިދާނެ. ނަމަވެސް ވަސީލަތްތައް، މިސާލަކަށް ސައުންޑް ސިސްޓަމް، ކޮމްޕިއުޓަރ ގޮނޑި އެހެންނޫނަސް މިހެންގޮސް ޕާޓީއެއް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ހުންނާނީ ފުރިހަމަކޮށްް ދީފައި." އޭނަ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އަތޮޅު ތެރޭގައި ޕާޓީގެ ހަރަކާތްތައް ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ހުރިހާ ރަށެއްގައި ޕީއެންސީގެ ޖަގަހަތައް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށާއި އަމާޒަކީ މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމައި ހުރިހާ ރަށެއްގައި ޕާޓީގެ ޖަގަހަތައް ހުޅުވުން ކަމަށެވެ.

ޕީއެންސީ އަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު 70،000 އަށް ވުރެ ގިނަ އެވެ. ޕީއެންސީން މިހާރު އަންނަ ހަފުތާގެ ތެރޭގައި ކޮންގްރެސް ބާއްވަން ތައްޔާރުވަމުންނެވެ.