ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ގައުމީ ބަރުލަމާނީ އިންތިހާބުގައި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ތާރިގް ރަހްމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މަރުހަބާގެ މެސެޖުގައި، ބީއެންޕީން ހޯދި ބޮޑު ކާމިޔާބީއަށްޓަކައި ތާރިގް ރަހްމާނަށް ހޫނު މަރުހަބާއެއް ވަނީ ރައްދުކުރައްވާފައެވެ. އަދި މި އިންތިހާބަކީ ބަންގްލަދޭޝްގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ނެރުނު އިންތިހާބެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ގައުމުގެ އެއްބާރުލުން އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ބަންގްލަދޭޝްގެ އާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ. "އަޅުގަނޑު ޔަގީންކުރަނީ ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެންގެ ބައިވެރިވުން އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. ހާއްސަކޮށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ސިއްހީ އަދި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ބޮޑު އެއްބާރުލުމެއް އޮވެއެވެ.
ބަންގްލަދޭޝްގައި ދާދި ފަހުން ބޭއްވުނު މި އިންތިހާބަކީ އެ ގައުމުގެ ސިޔާސީ މަޝްރަހަށް އައި ބޮޑު ބަދަލަކަށް ފަހު ބޭއްވުނު މުހިންމު އިންތިހާބެކެވެ. ބީއެންޕީގެ މި ކާމިޔާބީއާއެކު އެ ގައުމުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.