އެމެރިކާގެ އަސްކަރީ މަނަވަރު

ެެއެމެރިކާގެ އެއަރކްރާފްޓް ކެރިއަރު ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މެދު އިރުމައްޗަށް ދަތުރު ފަށައިފި

އާއިޝަތު ހަނާ ތައުފީގް
 
14 ގަޑިއިރު ކުރިން

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމުގެ އޮޕަރޭޝަނުގައި ބައިވެރިވި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މެދުއިރުމައްޗަށް ދިއުމަށް އެމެރިކާ އަސްކަރިއްޔާއިން އަންގައިފިއެވެ. މި މަނަވަރު މިހާރު ދަތުރުކުރަމުންދަނީ އީރާނާ ކައިރިއަށް، ޕާޝިއަން ގަލްފުގައި އޮތް ޔޫއެސްއެސް އަބްރަހަމް ލިންކަންއާ ގުޅުމަށެވެ.

މި އުޅަނދުގެ ފަޅުވެރިންނަށް މިހާރު ވަނީ އެނބުރި ގައުމަށް ދެވޭނީ އަންނަ އޭޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅު ކަމަށް އަންގާފައެވެ. މިދިޔަ ޖޫން މަހު ފެށި މި މިޝަންގެ މުއްދަތު މީގެ ކުރިން ވެސް އެއްފަހަރު ވަނީ އިތުރުކޮށްފައެވެ. ޕާޝިއަން ގަލްފަށް އެމެރިކާގެ ދެ ކެރިއަރ ސްޓްރައިކް ގްރޫޕް އެއްކުރުމަކީ އެ ސަރަހައްދުގެ މަސްލަހަތާ މެދު ވޮޝިންގޓަނުން ނުހަނު ސީރިއަސްކޮށް ވިސްނަމުންދާ ކަމުގެ ނިޝާނެކެވެ.

މި ނިންމުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އީރާނާއި އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. "އަހަރެމެން ޖެހޭނެ އެއްބަސްވުމަކަށް އަންނަން، އެހެން ނޫންނަމަ މިއީ ވަރަށް ނުރައްކާތެރި ކަމަކަށް ވެގެންދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު ޓްރަމްޕާ ބައްދަލުކުރައްވައި، އީރާނަށް ދޭ އެއްވެސް ހަމަލާއެއްގައި އެ ގައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހިމެނުމަށް ބާރުއަޅުއްވާފައިވެއެވެ. މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކުރަމުން މިދަނީ ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.