ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ ދިދަ ޖަހާފައިވާ އުޅަނދުތައް އީރާނުގެ ކަނޑުގެ ސަރަހައްދާ ވީހާވެސް ދުރަކުން ދަތުރުކުރުމަށް އެމެރިކާ ސަރުކާރުން އައު އިރުޝާދުތަކެއް ނެރެފިއެވެ.
އެމެރިކާގެ މެރިޓައިމް އެޑްމިނިސްޓްރޭޝަނުން ހޯމަ ދުވަހު ނެރުނު މި އެޑްވައިޒަރީގައި، އީރާނުގެ ސިފައިން އެމެރިކާގެ އުޅަނދުތަކަށް އެރުމަށް ހުއްދަ ނުދިނުމަށް އުޅަނދުތަކުގެ ކެޕްޓަނުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް، އީރާނުގެ ސިފައިން ބާރުގެ ބޭނުންކޮށްގެން އުޅަނދަކަށް އަރައިފިނަމަ، ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށް އެކަމަށް ހުރަސް ނޭޅުމަށް ވެސް ވަނީ އަންގާފައެވެ.
އެ އިރުޝާދުގައި ބުނެފައިވަނީ، "އީރާނުގެ ސިފައިން އެމެރިކާގެ ވިޔަފާރި އުޅަނދަކަށް އަރައިފިނަމަ، ފަޅުވެރިން ބާރުގެ ބޭނުންކޮށްގެން އެކަމާ ދެކޮޅު ހަދައިގެން ނުވާނެއެވެ. ބާރުގެ ބޭނުންކޮށްގެން ދެކޮޅު ނުހެދުމަކީ އެމީހުން އުޅަނދަށް އެރުމަށް ރުހުން ދިނުން ނޫން" ކަމަށެވެ. އަދި ދަތުރުފަތުރުގެ ރައްކާތެރިކަމަށް ބުރޫނާރާނެހެން އީރާނުގެ ކަނޑުގެ ސަރަހައްދާ ވީހާވެސް ދުރަކުން ދަތުރުކުރުމަށާއި، އިރުމައްޗަށް ދަތުރުކުރާއިރު އޮމާންގެ ކަނޑުގެ ސަރަހައްދާ ކައިރިން ދަތުރުކުރުމަށް ވަނީ ލަފާދީފައެވެ.
މި ރެކޮމެންޑޭޝަންތައް ނެރެފައިވަނީ ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެ ފަދަ ބަހުގެ ހަމަލާތަކަކަށްފަހު، އޮމާންގައި ނުސީދާ މަޝްވަރާތަކެއް ބޭއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ހޯރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާއިރު، މި ސަރަހައްދުގެ މަސްލަހަތު ގޯސްވުމަކީ ބައިނަލްއަގުވާމީ ވިޔަފާރިއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ތާރީޚަށް ބަލާއިރު، 1980 ގެ އަހަރުތަކުގައި ހިނގި އީރާން-އިރާގު ހަނގުރާމައިގައި ވެސް ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވެއެވެ. އަދި ފަހަކަށް އައިސް ޔަމަނުގެ ހޫޘީން ވެސް ވަނީ ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީފައެވެ. މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން އެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ބާއްވާފައިވާތީ އެމެރިކާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާއިން މިހާރު ދަނީ އެ ސަރަހައްދުގައި އަސްކަރީ ބާރުތައް އިތުރުކުރަމުންނެވެ. އީރާނުން ދާދިފަހުން އެއްވެސް އުޅަނދަކަށް އިންޒާރެއް ދީފައި ނުވި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދެއްވަމުންނެވެ.