ދެ ގައުމުގެ ދެމެދުގައި މަސްރަހު ގޯސްވެ، އަސްކަރީ ކުރިމަތިލުމަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާތާ ހަފުތާތަކެއް ވެފައިވަނިކޮށް، އެމެރިކާ އާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ނުސީދާ މަޝްވަރާތައް އޮމާންގައި ފަށައިފިއެވެ.
މި މަޝްވަރާތަކަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އޮމާންގެ ވެރިރަށް މަސްކަޓަށް ވަޑައިގެންފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރ ވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ މަގްސަދަކީ ނިއުކްލިއަރ މައްސަލައިގައި "އިންސާފުވެރި، ދެފަރާތުން ރުހޭ، އަދި އިއްޒަތްތެރި އެއްބަސްވުމަކަށް" ވާސިލުވުމެވެ.
މަޝްވަރާކުރެވޭނެ ސީދާ މައުޟޫއުތައް އަދި ސާފުނުވާއިރު، އީރާނުން އެކަމާ ދެކޮޅު ހަދަމުންދިޔަ ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ދަނީ ނިއުކްލިއަރ ޕްރޮގްރާމްގެ އިތުރުން އެހެން މައްސަލަތައް ވެސް މަޝްވަރާގެ މޭޒަށް ގެނައުމަށް ބާރުއަޅަމުންނެވެ.