ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ ދެއްވި ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުނިންމަވާލައްވައިފި އެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ޖަރުމަނުގެ ރައީސްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، މުހިންމު ދާއިރާތަކުން މަތީ ފަންތީގެ މަޝްވަރާތައް ބާއްވަވާފައެވެ. މީގެއިތުރުން، ޖަރުމަނުގައި ބޭއްވި ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެތަނުގައި ތަޤުރީރު ކުރެއްވިއެވެ.
ހަމައެއާއެކު، ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ވަޑައިގެންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ ތަޤުރީރެއް ދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅު ކުރައްވާފައިވަނީ ރާއްޖެއާއި ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ދިމާކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން އުފެދުނީ 5 ޖުލައި 1966 ގައެވެ.