ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ފަތުރުވެރިކަމެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެން ދިޔައިރު، މި ސިނާއަތުން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީއެއް ގައުމަށް ވަދެފައިވެއެވެ. ނަމަވެސް، މިއަދު އުފެދޭ އެންމެ ބޮޑު ސުވާލަކީ، މި ފާއިތުވި ދިގު މުއްދަތުގައި އެ ބޮޑު އާމްދަނީން އާންމު ރައްޔިތެއްގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލަކީ ކޮބައި ހެއްޔެވެ؟
ހަގީގަތަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފަހަނައަޅައި ދިޔައިރުވެސް، ރާއްޖޭގެ ގިނަ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމައަށް ނެތް ކަމެވެ. ސާފު ބޯފެނާއި، ނަރުދަމާ އަދި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ހޯދުމަށް މިއަދުވެސް ޖެހެނީ މާލެއަށް ބަރޯސާވާށެވެ. ގައުމަށް ވަންނަ ޑޮލަރުގެ މަންފާ ސީދާ ގޮތެއްގައި ރައްޔިތުންގެ ޖީބަށް ވަނުމުގެ ބަދަލުގައި، އެ ފައިސާ ދައުރުވަމުންދަނީ މަދު މަހުޖަނުންތަކެއްގެ މެދުގައެވެ. ނުވަތަ ކަޅު ބާޒާރުގެ ނާޖާއިޒު ފައިދާ ނަގާ ބައެއްގެ އަތްމަތީގައެވެ.
"އަހަރެމެން މި ފެންނަނީ ރާއްޖެއަށް ރިކޯޑް އަދަދަކަށް ފަތުރުވެރިން އަންނަ ތަން. އެކަމަކު އާންމު މީހާ އުޅެނީ ޑޮލަރެއް ނުލިބިގެން. ވިޔަފާރިއެއް ކުރަން ބެލިޔަސް، ކުއްޖަކު ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވަން ބެލިޔަސް ޑޮލަރު ގަންނަން މި ޖެހެނީ ބޮޑު އަގުގައި ކަޅު ބާޒާރުން. މިއީ ނިޒާމީ ގޮތުން ބަދަލުވާން ޖެހޭ ކަމެއް،" މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަމުން އިގްތިސާދީ ދާއިރާގެ ބޭފުޅެއް ވިދާޅުވިއެވެ.
ޚާއްޞަކޮށް ސައުދީ އަރަބިއްޔާ، ގަތަރު އަދި ކުވެއިތު ފަދަ ގަލްފުގެ ގައުމުތަކަކީ މިކަމުގެ އެންމެ އަލިގަދަ މިސާލުތަކެވެ. އެ ގައުމުތަކުގައި ބިމުން ނަގާ ތެލަކީ ގައުމުގެ ހުރިހާ ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ބަލައި، އެއިން ލިބޭ އާމްދަނީގެ ބޮޑު ބައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ފޯރުކޮށްދެއެވެ. ސައުދީ އަރަބިއްޔާގެ "ސިޓިޒަންސް އެކައުންޓް" ޕްރޮގްރާމަކީ މީގެ ރަނގަޅު މިސާލެކެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، އެ ގައުމުގެ ސަރުކާރުން ސީދާ ރައްޔިތުންގެ ބޭންކު އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދެއެވެ.
މީގެ އިތުރުން، އެ ގައުމުތަކުގައި ކައިވެނިކުރާ ޒުވާނުންނަށް ދޭ މާލީ އެހީތެރިކަމާއި، ބޯހިޔާވަހިކަމަށް ދޭ ބޮޑެތި ސަބްސިޑީތަކަކީވެސް ގައުމުގެ ގުދުރަތީ ވަސީލަތުން ލިބޭ ނަފާ ރައްޔިތުންނަށް ބަހާލުމުގެ އުސޫލުގެ ތެރެއިން ކުރާ ކަންކަމެވެ. ރާއްޖޭގައިވެސް ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިންގެ ހިތްގައިމު ގުދުރަތީ ރީތިކަން ވިއްކައިގެން ހޯދާ އާމްދަނީއަކަށް ވާއިރު، އޭގެ ފައިދާ ސީދާ ރައްޔިތުމީހާގެ ޖީބަށް ވަނުމަކީ ގަލްފު ގައުމުތަކެކޭ އެއްފަދައިން ދިވެހި ރައްޔިތުންވެސް މުއްސަނދިކޮށްދޭނެ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ނިންމެވި ނިންމެވުމަކީ ދިވެހި ތާރީޚުގައި އުންމީދީ އާ ސޮފުހާއެކެވެ. ފަތުރުވެރިކަމުގެ އާމްދަނީގެ ވަކި އިންސައްތައެއް ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމެވި ނިންމެވުމަކީ، އިގްތިސާދީ މިނިވަންކަން ކޮންމެ ދިވެއްސެއްގެ ދޮރުމައްޗަށް ގެނެސްދޭނެ ކަމެކެވެ. އަހަރަކު އެއްފަހަރު ނަމަވެސް، ސީދާ ޑޮލަރުން ކޮންމެ ރައްޔިތަކަށް މަންފާއެއް ލިބުމަކީ އާއިލާތަކުގެ ފުދުންތެރިކަން އިތުރުވެ، ބޭރު ފައިސާއަށް އޮތް ތަދަށް ލުޔެއް ލިބޭނެ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ރަށެއްގައި ކުޑަ ފިހާރައެއް ހިންގާ މަރިޔަމް ޒުހުރާ (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި، މިއީ ހަމަ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމެކެވެ.
"އަބަދުވެސް އިވެނީ ޓޫރިޒަމް ކުރިއަރާ ވާހަކަ. އެކަމަކު އަހަރެމެންނާ ހަމައަށް އޭގެ ރަހައެއް ނުލާ. މިހާރު މި އޮތް އުންމީދަކީ، ދައުލަތަށް ލިބޭ ޑޮލަރުން ކޮންމެ ރައްޔިތަކަށް ހިއްސާއެއް ލިބުނީމާ، އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް،" ކަމަށެވެ.
މި ސިޔާސަތުގެ ސަބަބުން ލިބޭނެ ބައެއް ފައިދާތަކަށް ބަލާއިރު:
ފަރުދީ ފުދުންތެރިކަން އިތުރުވުން: ކޮންމެ ރައްޔިތަކަށް ސީދާ އާމްދަނީއެއް ލިބުމުން، އާއިލާތަކުގެ އިގްތިސާދީ ހާލަތު ރަނގަޅުވާނެއެވެ.
ކަޅު ބާޒާރު ކުޑަވުން: ރައްޔިތުންގެ އަތަށް ސީދާ ޑޮލަރު ވަންނަން ފެށުމުން، ޑޮލަރުގެ ކަޅު ބާޒާރަށް އޮތް ބާރު ކުޑަވެގެންދާނެއެވެ.
ރަށްރަށުގެ ތަރައްގީ: މާލެއަށް ބަރޯސާވުން ކުޑަވެ، ރަށްރަށުގައި ފައިސާ ދައުރުވާ މިންވަރު އިތުރުވުމުން، ރަށު ފެންވަރުގައި ކުދި ވިޔަފާރިތައް ކުރިއަރާނެއެވެ.
އިޖުތިމާއީ އަދާލަތު: ގައުމުގެ މުއްސަނދިކަން ހަމަހަމަކަމާއެކު ބެހިގެންދިއުމަކީ އިޖުތިމާއީ ގޮތުން ރައްޔިތުންގެ މެދުގައި އޮންނަ ފަރަގު ކުޑަކޮށްދޭނެ ކަމެކެވެ.
ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ހަމައެކަނި އިގްތިސާދީ ނިންމުމެއް ނޫނެވެ. އެއީ ގައުމީ ވަސީލަތްތަކުގެ މައްޗަށް ރައްޔިތުންނަށް އޮތް ހައްގު ކަށަވަރުކޮށްދިނުމެވެ. ރައީސް މުޢިއްޒުގެ މި ތަޞައްވުރަކީ ދިވެހިންގެ ޖީބަށް ޑޮލަރު ވަންނާނެ، އަދި ގައުމުގެ މުއްސަނދިކަން "ބޮޑުންގެ" އަތްދަށުން ސަލާމަތްކޮށް އާންމު ރައްޔިތުމީހާއަށް ލިބިދޭނެ އިންގިލާބީ ފެށުމެކެވެ. މިއީ ކަށަވަރުންވެސް ރާއްޖޭގެ އިގްތިސާދަށް އަންނާނެ ބޮޑު ހެޔޮ ބަދަލެކެވެ.