ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ދަތުރުފުޅު ކުރިއަށްދާނީ މި ފެބްރުއަރީ މަހުގެ 9 އިން 13 އަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވެވުމަށް ވެސް ވަނީ ނިންމަވާފައެވެ.
ދަތުރުފުޅުގެ އިތުރު ހަރަކާތްތަކަށް ބަލާއިރު، ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ރައީސް ޒިޔާރަތްކުރައްވާނެއެވެ. އެ ޔުނިވަރސިޓީގައި "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" މި މައުޟޫއަށް އެމަނިކުފާނު ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ވެސް ތަޤުރީރު ކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.