މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެންޓި ޑޯޕިން އެޖެންސީން ކުރި އިއުލާނުގައިވާ ގޮތުން ފަސް އަހަރުގެ މުއްދަތަކަށް ހުޅުވާލާ މި މަގާމުގެ މުސާރަ ނިންމާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ދެ ފަރާތުން އެއްބަސްވާ ގޮތަށެވެ.
އެ އެޖެންސީގެ ސީއީއޯއަކީ އެންޓި ޑޯޕިން އެޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމުގެ އެންމެ އިސްފަރާތެވެ. އެގޮތުން އެންޓި ޑޯޕިން އެޖެންސީގެ ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ސީއީއޯ އެވެ.
މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" އުފެއްދެވީ މިދިޔަ ޖެނުއަރީ މަހު އެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއަކީ މޭ 19، 2025 ގައި ރައީސް މުއިއްޒު ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީ އެވެ.