ދިވެހި އާއިލާއެއްގެ ބޯހިޔާވަހިކަމެއް އޮތަސް، ގޯއްޗަށް ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގޯތިގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލެވޭނެ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
ރައީސް ވިދާޅުވީ 2022 ވަނަ އަހަރު ހުޅުވާލެވުނު "ބިންވެރިޔާ" ސްކީމުން ގޯތި ލިބުނު މީހުން، މިހާރު ލިބިފައިވާ ގޯތި ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ހުރިހާ އެންމެން އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާ ނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓަގަރީއެއް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
"15،000 ގޯތީގެ ތެރެއިން މި ދެ ކެޓަގަރީން ކޮންމެ ކެޓަގަރީއަށް 1،000 ގޯތި ކަނޑައަޅާފައިވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރަސްމާލެ ބިން ހިއްކައި ނިންމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.