ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު | ފޮޓޯ: ރައީސް އޮފީސް

ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި: ރައީސް

މުހައްމަދު ހަމީޒް
 
19 ގަޑިއިރު ކުރިން

ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި މިވަގުތު 1.13 ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެކުލަވާލި ސިޔާސަތުތަކުގެ ދަށުން ޓެކުހާއި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

އިގްތިސާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެމްއެމްއޭއަށް 492 މިލިއަން ޑޮލަރު މާރުކުރުމަކީ ރިޒާވް ވަރުގަދަވުމަށް މެދުވެރިވި މުހިންމު ސަބަބެކެވެ.

ބޭރުގެ ދަރަނިތައް މެނޭޖްކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޗައިނާގެ ލޯނުތައް ރީ-ފައިނޭންސް ކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އިންޑިއާގެ ސްވޮޕް ފެސިލިޓީގެ ޝަރުތުތަކަށް ލުއި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން އަބޫދާބީ ފަންޑުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރެވިފައިވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.