މި އަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން 11.3 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 2027 ވަނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އިޔަރ' ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.
2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ 2025 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރެވެ. އެގޮތުން 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، މިދިޔަ އަހަރު ފަތުރުވެރިކަމުން 5.55 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. ރައީސް ވިދާޅުވި ގޮތުގައި 2027 ވަނަ އަހަރު ބާއްވާ 'ވިޒިޓް މޯލްޑިވްސް' ހަރަކާތްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ގުޅިގެން ހިންގާނޭ ގައުމީ ފެންވަރުގެ މަސައްކަތްތަކަކަށް ވެގެންދާނެއެވެ.
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖެ އިޝްތިހާރުކުރުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުކޮށް، އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމެވެ. މި ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ވާސިލުވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.