ރައީސް ޑރ. މުހައްމަދު މުއިއްޒު | ފޮޓޯ: ރައީސް އޮފީސް

އައްޑޫ އައިޓީ ހަބަކަށް ހަދަން ރައީސް ނިންމަވައިފި!

މުހައްމަދު ހަމީޒް
 
19 ގަޑިއިރު ކުރިން

އައްޑު އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަރަހައްދަކަށް ހަދައި އެތަން، އައިޓީ ހަބަކަށް ހަދަން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވަމުން ގެންދަވާ ރިޔާސީ ބަޔާނުގައި ވިދާޅުވީ އައްޑޫ ހުޅުދު އާއި މީދޫ އަދި ޖުމްލަކޮށް މުޅި އައްޑު އަކީ ކުދި އަދި މެދު ފަންތީގެ ހާއްސަ ސަރަހައްދަކަށް ހަދައި، އެކަމަށް ބޭނުންވާ އެތައް ކަމެއް ފަހިކޮށް ދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތިން އަހަރުގެ މުއްދަތަށް ދައުލަތަށް ކުއްޔާއި ޓެކްސްތައް ދައްކަން ނުޖެހޭ ގޮތަށް ލުއިތަކެއް ދޭނެ ކަމަށެވެ. އެގޮތުން މި ގެންނަ ބަދަލު ޖެނުއަރީ 1، 2027 އިން ފެށިގެން ތަންފީޒުވާން ފަށާނެ ކަމަށާއި އެކަމަށް ގާނޫނީ ގޮތުންނާއި ފަންނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ކަންކަން މި އަހަރުގެ ތެރޭގައި ހަމަޖައްސައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިގޮތުން އެންމެ ފުރަތަމަ ހުޅުވާލާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ އެކެއް ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައި ކަން އިއުލާންކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑު އަށް މި ފަހިކޮށްދޭ ފުރުސަތާ އެކު އައްޑޫ އައިޓީ ހަބަކަށްވެ އެތައް ވަޒީފާތަކަކާއި ފުރުސަތުތަކެއް ހުޅުވި އިގުތިސާދީ ގޮތުން އެތައް ކުރިއެރުމެއް އަންނާނެ ކަމަށެވެ.

"މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް އެކަމަށް ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް ސަރުކާރުން ދައުވަތު ދެން." ރައީސް ވިދާޅުވި އެވެ.

އައްޑޫ އައިޓީ ހަބަކަށް ހަދާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވި އިރު، އައްޑޫގައި އައިޓީ ޕާކެއް ތަރައްގީ ކުރުމުގެ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ދައްކަވާފައިވެ އެވެ. އެ މަނިކުފާނު އެ ވާހަކަ ދެއްކެވީ 2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި އެ އަހަރުގެ 5 ނޮވެމްބަރު މަހުގެ 5 ގައި އައްޑޫގައި ބޭއްވި ކެމްޕޭން އިވެންޓެއްގަ އެވެ.

ނަމަވެސް 2013 ގެ އިންތިހާބު ޔާމީން ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެން 2018 ގައި ދައުރު ނިމިގެން ދިޔަ އިރު، އައްޑޫގައި ހަދަން އިއުލާންކުރެއްވި އައިޓީ ޕާކްގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.