ކަންކަން ނިންމުމުގެ މަރުހަލާތަކުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ، އިންސާފުވެރި ނަތީޖާތަކެއް ހާސިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާރުއަޅުއްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ ޖަރުމަނުވިލާތަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީގައި ދެއްވި ތަޤްރީރެއްގައެވެ.
ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ ވިހަގޭސް ބޭރުކުރާ މިންވަރު މަދު ޤައުމަކަށް ވީނަމަވެސް، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ޤައުމަކީ ރާއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކަށް ތައްޔާރުވެ، އެކަމަށް އަހުލުވެރިވުމަކީ ރާއްޖެއަށް އޮތް އިޚުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ ދެމިއޮތުމާއި، އަމިއްލަވަންތަކަމާއި ސަގާފަތް ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
ސައިންޓިފިކް ހޯދުންތަކުގެ އެހީގައި، ޤައުމީ ރޭވުންތަކާއި ބަޖެޓު އެކުލަވާލާއިރު މޫސުމީ ނުރައްކާތަކަށް ރިއާޔަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށާއި، ލޯކަލް ގަވަރނަންސް ވަރުގަދަކޮށް، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމުތަކަށް 'އެޑަޕްޓޭޝަން ފައިނޭންސިންގް' ނުވަތަ ހޭނުމަށް ބޭނުންވާ ފައިސާ ލިބުމަކީ މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ފަދަ ޤައުމުތަކަށް ފަސޭހައިން އަދި ދުރާލާ ކަށަވަރުކުރެވޭ ގޮތަށް މޫސުމީ ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ސައިންސާއި ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ހުމްބޯލްޑްޓް ޔުނިވަރސިޓީ ފަދަ ތަންތަނަކީ ސައިންސާއި ސިޔާސަތުތައް ގުޅުވައިދީ، ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ ހައްގުގައި އަޑުއުފުލައިދޭ މުހިންމު މުއައްސަސާތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފަތުރާ ދޮގު މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އިލްމީ މަރުކަޒުތަކުގެ ދައުރު ބޮޑުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.