ޕެޓްސް މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމް-- ފޮޓޯ: ދިފާއީ ވުޒާރާ

16 ގައުމެއްގެ 24 ޓީމާ ވާދަކޮށް އެމްއެންޑީއެފުން ރަން މެޑަލް ހޯދައިފި

މުހައްމަދު ހަމީޒް
 
11 ގަޑިއިރު ކުރިން

ޕާކިސްތާނުގައި ބޭއްވި 9 ވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ރަން މެޑެލި ހާސިލުކޮށްފިއެވެ. ފެބުރުއަރީ 5 އިން 7 އަށް ޕާކިސްތާނުގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުގައި ކުރިއަށްދިޔަ މި މުބާރާތަކީ 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމު ބައިވެރިވި، އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ބާއްވާ މަތީ ފަންތީގެ މުބާރާތެކެވެ.


މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 15 ސިފައިންގެ ޓީމެކެވެ. މި ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުޙައްމަދު ނީވީން ކަމަށްވާއިރު، ކާނަލް މުހައްމަދު ނާޒިމް ވަނީ އޮބްޒާވަރެއްގެ ގޮތުގައި މި މުބާރާތުގައި މަސައްކަތް ކުރައްވާފައެވެ. މުބާރާތުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ އަސްކަރީ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ތަމްރީނުތަކެވެ.


ދިފާއީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް ދިވެހި ސިފައިން ހޯދި މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ދެއްވާ ހާއްސަ ސަމާލުކަމާއި އިރުޝާދުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެވެ.