އައްޑޫއަކީ ފަހުރުވެރި މާޒީއެއް އޮތް ތަނެއް ކަމަށާއި، އެ ސިޓީގައި އިހުއޮތް ފެންވަރު އަލުން އިއާދަކުރަން ޖެހިފައިވާކަމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.
މުޝްރިފް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ އައްޑޫސިޓީގެ ކެމްޕެއިން އިފްތިތާހްކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި މުޝްރިފްގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަމާޒުކުރައްވާފައިވަނީ ސިޔާސީ ވާހަކަތަކަކަށްވުރެ ބޮޑަށް، އައްޑޫގެ އިހުއޮތް ފެންވަރާއި ހަޤީގީ އައްޑޫ އޮންނަންޖެހޭ ފެންވަރާ ގުޅޭގޮތުންނެވެ.
ތާރީޚަށް އަލިއަޅުއްވާލައްވަމުން މުޝްރިފް ވިދާޅުވީ، އައްޑޫސިޓީއަކީ ހުނަރުވެރި މަސައްކަތްތެރި، އިލްމީ ބަޔަކު އުޅުނު ތަނެއްކަން އެނގޭކަމަށެވެ. އަދި އައްޑޫއަކީ އާދައިގެ ތަނެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެވޭލާ ޒަމާނުގެ ވަޒަންވެރިވުންތަކާ ހިސާބުން ފެށިގެން އައްޑޫއަކީ ނިޔަމިކަމާއި، މަސައްކަތްތެރިކަމުގެ ހުނަރުވެރިކަމާއި، އާދަކާދަތަކުގެ އިތުރުން ހަރުދަނާ ޝަހްސިއްޔަތު ހުރި ބަޔަކު އުޅުނު މުއްސަނދި ތާރީހެއް އޮތް ތަނެއް ކަމަށެވެ.
ނަމަވެސް، މިއަދު އައްޑޫ ފެންނަނީ ތަރައްޤީއާ ތަހުޒީބުގެ މިސްރާބުން ކަޝިޔާރުވެފައިވާ ތަނެއްގެ ގޮތުގައިކަން މުޝްރިފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދުވަހުން ދުވަހަށް ކުރަންޖެހޭ އަސާސީ ކަންކަންވެސް ނުކުރެވި، މުޅި ސިޓީގެ މިސްރާބު ގެއްލިފައިވާ ކަމަށެވެ.
މުޝްރިފްގެ ވާހަކަފުޅުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ އައްޑޫގެ ހުނަރުވެރި އިލްމީ ސިކުނޑިތައް އެހެން ތަންތަނަށް ހިޖުރަކުރަން ޖެހުމުގެ މައްސަލައެވެ. އޭނާ ވިދާޅުވީ އައްޑޫގެ ގިނަ ރައްޔިތުން އާއިލާ ދޫކޮށްލާފައި ވަޒީފާގެ ބޭނުމަށް ރަށުން ބޭރަށް ދިއުމަކީ ސިޓީއަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ.
"މިކަމުގެ ސަބަބުން އާއިލާތަކުގެ ގުޅުން ހީނަރުވެ، އައްޑޫގެ އިޤްތިޞާދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން. އަޅުގަނޑުމެން ބޭނުންވަނީ އައްޑޫގެ ހުނަރުވެރި ދަރިންނަށް އެކަށީގެންވާ ފުރުޞަތުތައް މި ސިޓީގައި ޤާއިމުކޮށްދޭން،" މުޝްރިފް ވިދާޅުވިއެވެ.
ޖިއޮގްރަފީ ގޮތުން އައްޑޫގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ދުނިޔޭގެ ބޮޑުހަނގުރާމަތަކުގެ ތެރޭގައިވެސް ބޮޑެތި ބާރުތަކުން އައްޑޫ ބޭނުންކޮށްފައިވަނީ މި ސިޓީގެ މުހިންމުކަން ބޮޑުވުމުން ކަމަށެވެ.
މުޝްރިފް ވިދާޅުވީ އޭނާ މޭޔަރުކަމަށް ކުރިމަތިލެއްވީ މިދެންނެވި މައްސަލަތަކަށް ހައްލު ހޯދައި، އައްޑޫގެ އިހުގެ ޝަރަފު އިއާދަކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕީއެންސީގެ ކެނޑިޑޭޓުންގެ ޓީމުން އައްޑޫގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތަފްސީލު ރައްޔިތުންނާ ހިއްސާކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.