އައްޑޫގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި

މުހައްމަދު ހަމީޒް
 
15 ގަޑިއިރު ކުރިން

އައްޑޫސިޓީގެ އިދާރީ ދާއިރާގައި ހިމެނޭ ބައެއް ސަރަޙައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމުގެ ގޮތުން، އެ ސިޓީގެ އިހުތިސާސަށް ބަދަލުގެނައުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު އެގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް މަތިކޮށްފައިވާ ބާރުގެ ދަށުން ކަމަށެވެ.

ސަވާހެލި އޮންނަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދުއާއި މަރަދޫފޭދޫގެ މެދަށް ވާ ގޮތަށެވެ.

މި އިސްލާހު ގެންނަވާފައިވަނީ ގާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 1-56 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި އެހެން ކަމުން އެ މާއްދާގައިވާ ގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ.

ރައީސް އެކަމާ ގުޅޭ ގޮތުން ނެރުއްވާފައިވާއިރު، ގަރާރުގައި އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.