ދިވެހި ކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފަށައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ. މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިފަދަ ޚިދުމަތަކަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވަނިކޮށް ސަރުކާރުން ފަހިކޮށްދިން މުހިންމު ޚިދުމަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ވާނީ ހަމަޖެހިފައި ކަމަށެވެ. މީގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ ޞިއްޙީ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މިއީ ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތް ފެށުމާއެކު، ކުޅިވަރު އެސޯސިއޭޝަންތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެކި ކަހަލަ އަނިޔާތަކާ ގުޅިގެން ކުރަންޖެހޭ ޚަރަދުތަކަށް އިންޝުއަރެންސްގެ އެހީތެރިކަން ލިބި، ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެއެވެ.