ނާޒިމް ކޮންފަރެންސްގައި -- ފޮޓޯ؛ މަޖިލިސް

ސުލްހަ ގާއިމްކުރެވޭނީ ޖަވާބުދާރީ ވެރިކަމަކުން ރައްޔިތުންގެ އިތުބާރު ހޯދައިގެން: ނާޒިމް

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

                        ޤައުމެއްގައި ދެމެހެއްޓެނިވި ސުލްހަ މަސަލަސްކަން ޤާއިމުކުރެވޭނީ، ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ކަށަވަރުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގައި އިއްޔެ ފެށި ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ގެ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ނާޒިމް ތަޤުރީރު ކުރެއްވީ "ސުލްހައާއި ދީމިޤްރާޠީ އިތުބާރު: ސުލްހަވެރިކަން ޤާއިމުކުރުމުގެ ބާރެއްގެ ގޮތުގައި ޤާނޫނުހަދާ މަޖިލިސްތައް" މި މައުޟޫޢުގެ މައްޗަށެވެ.

ނާޒިމްގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި، ސުލްހައަކީ ހަމައެކަނި ހަނގުރާމައެއް ނެތުން ނޫން ކަމަށާއި، އެއީ ހާމަކަން ބޮޑު، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ، އަދި ޒިންމާދާރު ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން ދެމެހެއްޓޭނެ މުހިންމު އަސާސެކެވެ.

ޚާއްޞަކޮށް ދެކުނު އޭޝިއާ ސަރަޙައްދުގައި ރައްޔިތުންގެ އިތުބާރު ކުޑަވުމަކީ ބައިބައިވުމާއި، ހަލަބޮލިކަމުގެ އިތުރުން ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި އޭނާ އިންޒާރު ދެއްވިއެވެ. މިފަދަ ކަންކަން ހައްލުކުރުމުގައާއި، މަޝްވަރާގެ އުސޫލުން ޚިޔާލުތަފާތުވުންތައް ނައްތާލައި އެއްބަސްވުންތަކަށް ވާސިލުވުމުގައި ޤާނޫނުހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރަށް ނާޒިމް އަލިއަޅުއްވާލެއްވިއެވެ.

ދިވެހިރާއްޖޭގެ ތަޖުރިބާތަކަށް ބައްލަވައި ނާޒިމް ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖެއަށް އައި ދީމިޤްރާޠީ ބަދަލާއެކު، ދައުލަތް ހިންގުމުގެ ނިޒާމު ފާރަވެރިކަމާއެކު ހިފެހެއްޓުމުގެ މައި ތަނބަކަށް ރައްޔިތުންގެ މަޖިލިސް ވެފައިވާ ކަމަށެވެ.

އެގޮތުން، ޤާނޫނީ އިޞްލާޙީ ވެރިކަން ދެމެހެއްޓުމަށާއި މަދަނީ މިނިވަންކަން ފަހިކޮށްދިނުމަށްޓަކައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އަނިޔާކުރުން ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން ޖެންޑާ އިކުއަލިޓީ ޤާނޫނު ފަދަ މުހިންމު ޤާނޫނުތައް މަޖިލީހުން ފާސްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ދީމިޤްރާޠީ އުސޫލުތަކަކީ ހަމައެކަނި ލިޔެވިފައިވާ އެއްޗަކަށް ނުހަދައި، އެއީ އަމަލީ ގޮތުން ތަންފީޒުކުރެވޭ ހައްޤުތަކަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބަދަހިކުރުމަކީ މަޖިލިސްތަކުން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމާއި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމުގައި ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ހަމަޖެހުމެއް ޤާއިމުކުރުމަށްޓަކައި، ސުލްހައިގެ އެއްބަސްވުންތަކަކީ ޤާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރެއިން ބައްޓަންވެފައިވާ ކަންކަމަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ ނާޒިމްގެ ތަޤުރީރު ނިންމާލެއްވިއެވެ.