ކަރެކްޝަނަލް ސާވިސްގެ އާ ފްރަންޓް އޮފީސް ހުޅުމާލޭގައި ހުޅުވައިފި

ނާއިފް ހަލީމް
 
7 ގަޑިއިރު ކުރިން

 މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ މުއައްސަސާގެ އައު ފްރަންޓް އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައި، ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ސަރަހައްދުގައި ގާއިމުކުރި މި އޮފީސް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލީ އިހުސާންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އައު އޮފީހުގެ ސަބަބުން އާންމުންނަށާއި ގައިދީންގެ އާއިލާތަކަށް ކަރެކްޝަންސްއިން ފޯރުކޮށްދޭ ހިދުމަތްތައް ކުރިއަށްވުރެ އަވަސް އަދި ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ. އަދި ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދިއުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ގައިދީންގެ އާއިލާތަކާއި ރަހުމަތްތެރިން، އިދާރީ ގޮތުން ކުރަންޖެހޭ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައާއި، މުއައްސަސާއިން ހޯދަންޖެހޭ އެކި ހިދުމަތްތައް ހޯދުމުގައި މިކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި އިމާރާތުގެ ފާހަގަކޮށްލެވޭ އެންމެ ހާއްސަ އެއް ކަމަކީ، މިއީ ގައިދީންނާއި ކަރެކްޝަންސްގެ އޮފިސަރުން ގުޅިގެން ކުރި ބުރަ މަސައްކަތުން ބިނާކޮށްފައިވާ ތަނެއް ކަމެވެ. މި މަސައްކަތަށް ގައިދީން ތަމްރީނުކޮށް، އެމީހުންގެ ހުނަރު ބޭނުންކޮށްފައިވާއިރު، މީގެ ކުރިން ކަރެކްޝަނަލް ސާވިސްގެ ހެޑްކްއާޓާސް ވެސް ބިނާކޮށްފައިވަނީ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން ގައިދީންނާއި އޮފިސަރުންގެ ބައިވެރިވުމާ އެކުގައެވެ