ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ތައްޔާރުވެވަޑައިގަންނަވާއިރު، މިދިޔަ އަހަރުގެ ބަޔާނުގައި ވައުދުވެވަޑައިގަތް ކަންކަމުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ސަރުކާރަށް ފުރިހަމަނުކުރެވޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމަށް މާދަމާ ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.
މި ޖަލްސާއާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ވިދާޅުވީ، މީގެ ކުރީގެ ރިޔާސީ ބަޔާންތަކުގައި ރައީސް ފާހަގަކުރެއްވި ގިނަ ކަންތައްތަކެއް އަދިވެސް ހުރީ ނުފެށި ނުވަތަ ނުނިމި ކަމަށެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ހިމެނޭ މަސައްކަތްތަކުގެ ބޮޑުބައެއް ނުނިމި އޮތްއިރު، ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ.
އޭނާ އިތުރަށް ވިދާޅުވީ، އައު އަހަރެއްގެ ރިޔާސީ ބަޔާން އިއްވަވާއިރު، ނިމިދިޔަ އަހަރު ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުނުވީ ކޮން ސަބަބުތަކާ ހުރެކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.
"ޖުމްލަ ގޮތެއްގައި 90 އިންސައްތަ މަސައްކަތް ނުކުރެވި އޮތްއިރު، ބަޖެޓު އެއްކޮށް ހުސްވެފައިވާ ކަމީ މިއަދު ފެންނަން އޮތް ހަގީގަތް،" ޣަފޫރު ވިދާޅުވިއެވެ.