މެޑަމް ސާޖިދާ ކެމްޕޭން ހަރަކާތެއްގައި --

ޑަބްލިއުޑީސީގެ ދައުރު މުހިންމު: ސާޖިދާ

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ (ޑަބްލިޔުޑީސީ) މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި، އެ ކޮމިޓީތަކުގެ އަގުވަޒަންކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ޑަބްލިޔުޑީސީގެ މާލޭގެ ގޮނޑިއަށް ވާދަކުރައްވާ އާޝިޔަތު އަލައިކާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި، އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އިހުސާސްތައް އެންމެ ގާތުން އެނގޭނީ ޑަބްލިޔުޑީސީގެ މެންބަރުންނަށެވެ. އަދި އަންހެނުންނާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމުގައި އަންހެނުންގެ ސީދާ ބައިވެރިވުން އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ޑަބްލިޔުޑީސީއަކީ ބޭނުމެއް ނެތް ތަނެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ. އަންހެނުން ބާރުވެރިކުރެވޭނީ މިފަދަ ކޮމިޓީތަކުގެ މަސައްކަތުން،" ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަންހެނުން އެކަކު އަނެކަކަށް އެހީތެރިވެ، ޑަބްލިޔުޑީސީގެ މުހިންމުކަން ފުރަތަމަ އަންހެނުން އަމިއްލައަށް ގަބޫލުކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އަންހެނުންގެ ހައްގުތަކާއި ކުރިއެރުމަށްޓަކައި، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދީ، ކާމިޔާބު ހޯދައިދިނުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.