ސްރީލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ އެއް އެކުވެރިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ، އިތުބާރު ހިފޭ ގައުމެއް ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެތައް ގަރުނެއްވީ ދިގު ތާރީޚެއް އޮތް ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސްރީލަންކާއަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމުގައި އެ ގައުމުގެ ރައްޔިތުން ދައްކަމުންދާ ސާބިތުކަމާއި އެއްބައިވަންތަކަމުގައި އަބަދުވެސް ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޒަމާނުއްސުރެ އެކުވެރިކަން އޮތްއިރު އެއީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ވެސް ގައުމެކެވެ. އަދި ތައުލީމީ، ސިއްހީ އަދި އިގްތިސާދީ އެކި މަސައްކަތްތަކަށް ދިވެހީން އެ ގައުމަށް ވަރަށް ގިނައިން ދެއެވެ.