އަހަރު ނިންމާލި އިރު ރިޒާވުގައި 983 މިލިއަން ޑޮލަރު

ނާއިފް ހަލީމް
 
17 ގަޑިއިރު ކުރިން

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 983 މިލިއަން ޑޮލަރު ހުއްޓެވެ.

އެމްއެމްއޭގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ރިޒާވް އެންމެ ބޮޑަށް އިތުރުވެފައިވަނީ ޑިސެމްބަރު މަހުގައެވެ. އަދި އަހަރުގެ ފަހު ކުއާޓަރަކީ ރިޒާވަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ތިން މަސް ދުވަހެވެ. އެގޮތުން ޑިސެމްބަރު މަސް ނިމުނުއިރު، ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި ހުރީ 244 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ޖެނުއަރީ މަހުގައެވެ. އެ މަހު ރިޒާވްގައި ހުރީ 708 މިލިއަން ޑޮލަރެވެ. އެހެންކަމުން، އަހަރު ނިމުނުއިރު ރިޒާވަށް ވަނީ 275 މިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައެވެ. އެމްއެމްއޭއިން އަންދާޒާކުރާ ގޮތުގައި މި ހިނގާ އަހަރު ނިމޭއިރުވެސް ރަސްމީ ރިޒާވް 904 މިލިއަން ޑޮލަރުގައި ހިފެހެއްޓޭނެއެވެ.

ނިމިދިޔަ އަހަރު ރިޒާވްގެ ހާލަތު ރަނގަޅުވުމަށް ދިމާވި މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް މާރުކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. މީގެ އިތުރުން، ރިޒާވް ހަރުދަނާކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ގާއިމުކޮށްފައިވާ ކަރެންސީ ސްވޮޕް ފެސިލިޓީގެ ބޭނުންވެސް ހިފާފައެވެ.