ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް

މިދިޔަ އަހަރު ބީއެމްއެލްއަށް ރެކޯޑު ފައިދާއެއް

މުހައްމަދު ހަމީޒް
 
6 ދުވަސް ކުރިން

މިދިޔަ އަހަރަކީ ބޭންކުގެ ތާރީހުގައި ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވާނެ މުހިންމު ނިންމުންތަކެއް ނިންމި އަހަރެކެވެ. މި އާއެކު މިދިޔަ އަހަރަކީ ބޭންކުގެ ތާރީހުގައި ރެކޯޑް އަދަދެއްގެ ސާފު ފައިދާއެއް ނެރުނު އަހަރެއް ކަމަށް ދައްކައިފި އެވެ. 

ބީއެމްއެލްގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން 828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ރެކޯޑް މާލީ ނަތީޖާއެއް ވަނީ ހާސިލްކޮށްފަ އެވެ. ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 76.2 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 16.1 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 10 ޕަސެންޓް އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓް ކުރިއެރުމެކެވެ. މިކަމުން ބޭންކުގެ ބެލެންސް ޝީޓްގެ ހަރުދަނާކަން ދަމަހައްޓަމުންދާކަން ހާމަކޮށްދެ އެވެ.

މާލީ ކާމިޔާބުތައް

ސާފު ފައިދާ - 837.5 މިލިއަން ( %76.2 ކުރިއެރުން)

ޖުމްލަ އާމްދަނީ - 5.5 ބިލިއަން (%16.1 އިތުރު)

އެސެޓް - 55.7 ބިލިއަން (%15 އިތުރު)

މާޗަންޓް ފީ ދަށްކޮށް ވިޔަފާރިއަށް ލުއިކޮށްދިން

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެ އެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެ އެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް އެސްޑީއެފްސީ (މިހާރު އެސްއެމްއީ ޑިޖިޓަލް) ބޭންކުގެ ދަށަށް ގެނައުމާއި، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މާޗަންޓް ފީ 1 ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމާއި ޑިޖިޓަލް ބަދަލުތަކަށް ކުރި މަސައްކަތަށް 'ކޯރަސް' އަދި މާސްޓަ ކާޑުން ވަނީ ބޭންކުގެ އަގު ވަޒަންކޮށް، އެވޯޑްތައްވެސް ލިބިފަ އެވެ.

މި ނަތީޖާއާ ބެހޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ކުއާޓަރުގެ ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަން އަދި އަޅުގަނޑުމެން މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަން ކަމަށެވެ.

"ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވޭ. ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން" ޝަރީފު ވިދާޅުވި އެވެ.