ބީއެމްއެލްއިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

ނާއިފް ހަލީމް
 
4 ދުވަސް ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ، 100 ޕަސެންޓް ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ބީއެމްއެލްއިން ބުނީ ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ swipe.mv މެދުވެރިކޮށް ރަޖިސްޓްރީވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށް ކަމަށެވެ. އަދި ރަޖިސްޓާ ވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗާތައް ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެގޮތުން ޕާސަން ޓު ޕާސަން ޓްރާންސްފާތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.