ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ނުވަތަ ލިމިޓް އަންނަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.
މި ބަދަލުގެ ދަށުން ކްލެސިކް ކްރެޑިޓް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް އިތުރުވެގެންދާއިރު، ގޯލްޑް ކާޑުގެ ލިމިޓް ވަނީ 1500 ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި ޕްލެޓިނަމް ކާޑު ބޭނުންކުރައްވާ ފަރާތްތަކަށް މީގެ ފަހުން މަހަކު 3000 ޑޮލަރާ ހަމައަށް ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށް ފައިސާ ދެއްކޭނެއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި މި އައު ލިމިޓްތަކަކީ މިހާރުވެސް ޑެބިޓް ކާޑުތަކުން ބޭނުންކުރެވޭ ލިމިޓުގެ އިތުރުން ކޮންމެ މަހަކުވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާ މިންވަރުތަކެކެވެ. މިއީ ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގެނައި ހެޔޮ ބަދަލެކެވެ.