އޮބިއޮންގެ އާ ފިހާރަ ހުޅުވުމުގެ ތެރެއިން -- ފޮޓޯ: އޮބިއޮން

ބޫޓު ކަސްޓަމައިޒްކުރުމުގެ ޚިދުމަތާއެކު އޮބިއޮންގެ ފިހާރަ ހުޅުމާލެ ފޭސް2 އަށް

ނާއިފް ހަލީމް
 
4 ދުވަސް ކުރިން

ރާއްޖޭގެ މަގުބޫލު ކުޅިވަރު ސާމާނު ވިއްކާ ބްރޭންޑެއް ކަމަށްވާ "އޮބިއޮން" އިން ހުޅުމާލޭގައި ހިންގަމުން އައި ފިހާރަ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

އޮބިއޮން އިން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލޭގެ ފޭސް 2 ގެ ނިރޮޅުމަގުގައި ހުޅުވި މި އާ ފިހާރައަކީ ކުރިން ފޭސް 1 ގައި ހުރި ފިހާރައަށްވުރެ ޖާގަ ތަނަވަސް އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. ކުރީގެ ފިހާރަ ކުޑަވުމުގެ ސަބަބުން ބައެއް ތަކެތި ލިބުމުގައި ދިމާވި ދަތިތަކަށް މި ބަދަލާއެކު ހައްލު ލިބިގެންދާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

މި އާ ފިހާރައިން އޮބިއޮންގެ މާލޭ ފިހާރައިން ލިބޭ ހުރިހާ ބާވަތެއްގެ ތަކެތި މިހާރު ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ފުޓްސަލް، ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ވޮލީ ކުޅުމަށް ބޭނުންވާ އެކި ބްރޭންޑްތަކުގެ ބޫޓާއި، ބޯޅަ އަދި ޖާރޒީ ހިމެނެއެވެ. މީގެ އިތުރުން ފަތަން ބޭނުންކުރާ ސާމާނާއި، އެކި ކަހަލަ ކުޅިވަރު ގޭމްތަކާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ މެޝިނަރީޒް އާއި އެކްސެސަރީޒްވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.

މި ފިހާރައިގައި އަލަށް ތައާރަފްކުރި ހާއްސަ ހިދުމަތްތަކުގެ ތެރޭގައި، ބޫޓުތައް އަމިއްލައަށް ބޭނުންވާ ގޮތަށް ފަރުމާކުރުމާއި (Personalizing shoes) އަދި ޖާރޒީތައް ކަސްޓަމަރުން ބޭނުންވާ ގޮތަށް ތައްޔާރުކޮށްދިނުން (Customizing jerseys) ހިމެނެއެވެ. މިއީ ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

އޮބިއޮން އިން އިތުރަށް ބުނި ގޮތުގައި، އާ ފިހާރަ ހުޅުވުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ކޮންމެ މަހަކު ކަހަލަ ގޮތަކަށް ވަރަށް ފޯރިގަދަ ޕްރޮމޯޝަންތަކާއި ހާއްސަ އޮފާތައް ކަސްޓަމަރުންނަށް ހުޅުވާލެވޭނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އިތުރުވަމުންދާއިރު، އޮބިއޮން ފަދަ ކުޅިވަރުގެ ސާމާނު ވިއްކާ ބޮޑު ފިހާރައެއް އެ ސަރަހައްދުގައި ހުޅުވުމަކީ އެ ސަރަހައްދުގެ ކުޅިވަރު ކުޅޭ ޒުވާނުންނަށާއި ކުޑަކުދިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.