ސަރުކާރުން އަލަށް ތައާރަފުކުރި "އާއިލީ ބޯހިޔާވަހިކަން" މަޝްރޫއުގެ ދަށުން ފުރުސަތުތައް ބައްޓަންކޮށްފައި ވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދޭ ގޮތަށް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ބޯހިޔާވަހިކަމަކީ ހަމައެކަނި މިލްކިއްޔާތު ނުވަތަ ހަރުމުދާ އިތުރުކުރަންދޭ އެއްޗެއް ނޫން ކަމަށާއި، އޭގެ މައިގަނޑު ބޭނުމަކީ ކޮންމެ އާއިލާއަކަށް އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.
ބޯހިޔާވަހިކަމަކީ ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި އިޖުތިމާއީ ބަދަހިކަމުގެ ބިންގާ ކަމަށްވާއިރު، މިހާރުވެސް ތަނެއް އޮތް އާއިލާއަކަށް ދެވަނަ ތަނެއް ދިނުމުގެ ބަދަލުގައި އެއްވެސް އެއްޗެއް ނެތް އާއިލާތަކަށް އިސްކަންދިނުމަކީ އިންސާފުވެރި ގޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިގޮތަށް އަމަލުކުރުމަކީ މުޖުތަމައުގެ އިޖުތިމާއީ ފަރަގު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން 18 އަހަރުން ދަށުގެ ކުދިން ތިބި އާއިލާތަކުގެ ތެރެއިން، ދެމަފިރިންގެ ނަމުގައި ކުޑަ އެޕާޓްމަންޓެއް ހުރި ނަމަވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް މާލެ ސަރަހައްދުން 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް ފަރާތްތަކަށްވުރެ ބޮޑަށް، ވަސީލަތްތައް މަދު މި ހާލަތުގައި އިސްކަންދޭނީ އެއްވެސް ތަނެއް ނެތް މީހުންނަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ ޝަރުތުތަކަކީ ދާއިމީ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ މަޝްރޫއުތަކުގެ ދަށުން ގިނަ ފްލެޓްތަކާއި ގޯތިތައް ފޯރުކޮށްދެވި، ބޯހިޔާވަހިކަމުގެ ތޮއްޖެހުން ކުޑަވުމުން ޝަރުތުތަކަށް ލުއިދީ އިތުރު ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.