11 އަހަރަށްފަހު ވައިކަރަދޫއިން ގޯތި ދޫކޮށްފި

އާއިޝަތު އަނާ ރަޝީދު
 
3 މަސް ކުރިން

އެގާރަ އަހަރުގެ ދިގު މުއްދަތަކަށްފަހު ހދ. ވައިކަރަދޫގައި ގޯތި ދޫކުރުމުގެ މަސައްކަތް ނިންމާލައި، ގޯތި ލިބުނު ރައްޔިތުންނަށް އެކަމުގެ ލިޔުންތައް ރޭ ވަނީ ހަވާލުކޮށްފައެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވީ، ގާތްގަނޑަކަށް 800 މީހުން ދިރިއުޅޭ މި ރަށުން އެންމެ ފަހުން ގޯތި ދޫކުރުމަށް ނިންމާފައިވަނީ 2012 ވަނަ އަހަރު ކަމަށެވެ. އެއަށްފަހު، މިދިޔަ އަހަރު މިހާރުގެ ކައުންސިލުން ގޯތި ދިނުމުގެ ނިންމުން ނިންމައި، އެ މަސައްކަތް ފަށައި ނިންމުމަށް އެއް އަހަރު ދުވަސް ހޭދަވި ކަމަށް ޒާމިރު ވިދާޅުވިއެވެ.

ރަށުގެ ލޭންޑް ޔޫސް ޕްލޭން ވެސް އިތުރު ހޭދައެއް ނުކޮށް ކައުންސިލުގެ އިސްނެގުމުގެ ދަށުން އެކުލަވާލެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޒާމިރު ވިދާޅުވީ، މި ފަހަރު ގޯތީގެ ލިޔުންތައް ހަވާލުކުރެވުނީ ގޯތި ކަނޑައެޅި ސަރަހައްދުތައް ސާފުކޮށް، މަގުތައް ހަދައި، ރުއްގަހަށް ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދީ ނިމުމަށްފަހު ކަމަށެވެ. ގޯތި ލިބޭ ފަރާތްތަކަށް ދިމާވާނެ ތަކުލީފުތައް އެންމެ ކުޑަކުރުމަށް ކައުންސިލުން ވަރަށް ބޮޑަށް ސަމާލުކަން ދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުމްލަ 107 ގޯތި ދޫކުރިއިރު، މި ގޯތިތައް ހުރީ 2000 އަކަފޫޓަށް ވުރެ ބޮޑުކޮށެވެ. އަދި މިރޭ ލިޔުން ހަވާލުކުރެވުނީ 105 ފަރާތަކަށެވެ. "މިކަމާއެކު، ގޯތި ދިނުމުގެ މައްސަލާގައި ހަތަރުވަނަ ދައުރުގެ ކައުންސިލަރުން ވެފައިވާ ވައުދު ވަނީ ފުދިފައި،" ޒާމިރު ވިދާޅުވިއެވެ.

ޒާމިރު އިތުރަށް ވިދާޅުވީ ވައިކަރަދޫއަކީ ބޮޑު ބިމެއް އޮތް ދަނޑުވެރިކަމުގެ ރަށެއް ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަ އެހާ ބޮޑު ނޫން ކަމަށެވެ. ނަމަވެސް، ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ ދަށްވަމުން ދިއުމަކީ އެ ރަށަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރަށުގެ ވަސީލަތްތައް ތަރައްގީވެ، ހަނިމާދޫ އެއާޕޯޓު އިތުރަށް ތަރައްގީވެ ހުޅުވުމާއެކު، ރަށަށް އަންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޒާމިރު ވިދާޅުވިއެވެ. އަދި މިހާރު ވެސް ބައެއް ފަރާތްތަކުން ރަށުން ގޯތި ގަންނަން އެދި ހުށަހަޅާ ކަމަށާއި، ގޯތިގެދޮރު ކުއްޔަށް ހިފައިގެން މީހުން ދިރިއުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރުމަށް ވެސް ގިނަ ބަޔަކު ވައިކަރަދޫއަށް ޒިޔާރަތްކުރާ ކަމަށް ޒާމިރު ފާހަގަކުރެއްވިއެވެ.