މި ޕްރޮގްރާމް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ، އެކަން އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އަލަށް ތައާރަފްކުރެވުނު މި ބޯހިޔާވަހިކަމުގެ ސްކީމްތައް އަމާޒުކޮށްފައިވަނީ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ އެކި ފަންތީގެ އާއިލާތަކަށް ކަމަށެވެ. މީގެ ތެރޭގައި، އެއްވެސް ބޯހިޔާވަހިކަމެއް ނެތި ކުލީގެ ތަންތަނަށް ބަދަލުވަމުންދާ ފަރާތްތަކާއި، މާލީ ގޮތުން ބޭންކުތަކުގެ އެހީގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ގާބިލުކަން ނެތް އާއިލާތައް ވެސް ހިމެނެ އެވެ.
މިރޭ ތައާރަފްކުރެވުނު ސްކީމްތަކުގެ ތެރެއިން، 'އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް' އަމާޒުކުރެވިފައިވަނީ މެދުފަންތީގެ އާމްދަނީ ލިބޭ އަދި ބޭންކުތަކުން މޯގޭޖު ފައިނޭންސިން ހޯދުމުގެ ތަނަވަސްކަން ހުރި އާއިލާތަކަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، ބޭންކު ފައިނޭންސް ނުހޯދޭނެ ފަދަ އާއިލާތަކަށް 'ރެންޓް-ޓު-އޯން މޮޑެލް'ގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަޝްރޫއުތައް ހިންގޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މިގޮތުން، މިރޭ އިއުލާންކުރި 7،500 ހައުސިން ޔުނިޓަކީ މި 'ރެންޓް-ޓު-އޯން މޮޑެލް'ގެ ދަށުން ދޫކުރާނެ ޔުނިޓުތަކެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމެއް ނެތި ފަގީރުކަމުގައި ދަތި ހާލުގައި އުޅޭ އާއިލާތަކަށް، ކަމާގުޅޭ އިދާރާތަކުން ހަދާ އެސެސްމަންޓެއްގެ އަލީގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ވެސް މި ޕްރޮގްރާމްގައި ހިމެނޭނެ ކަމަށެވެ. އަދި ގޯތި ދޫކުރުމުގެ ސްކީމްގެ ދަށުން ޖުމްލަ 15،000 ގޯތި ދޫކުރާނެ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.
'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން މައިގަނޑު ދެ ސްކީމެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރާ ސްކީމަކާއި، މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޫކުރާ ސްކީމެކެވެ.
މި ސްކީމްތަކަށް އެދި ހުށަހެޅުމަށް ކަނޑައަޅާފައިވާ އަސާސީ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެ އެވެ. އަދި 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުމާއި، ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން ނުވަތަ ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން، ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމަކުން އެމީހަކަށް ނުވަތަ އޭނާގެ އަނބި/ފިރިމީހާއަށް ބޯހިޔާވަހިކަމެއް ލިބިފައި ނުވާން ޖެހެ އެވެ.
ފްލެޓު ދޫކުރުމުގައި މައިގަނޑު ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ އެވެ. އެއީ: 1. މާލޭގެ ރަށްވެހިން (އުފަންވީއްސުރެ މާލެ ރަޖިސްޓްރީގައިވާ މީހުން، މާލޭ ރަށްވެހިންގެ ދަފްތަރުގައިވާ މީހުން، އަދި ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން). 2. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން (މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ މީހުން).