ޑާލާ ޕޯޓަލް ލޯންޗު ކުރި ހަފްލާގެ ތެރެއިން މިނިސްޓަރ އަލީ އިހުސާން

ޑާލާ ޕޯޓަލް ލޯންޗްކޮށްފި

މުހައްމަދު ހަމީޒް
 
9 ދުވަސް ކުރިން

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލައިޒް ކުރުމަށްޓަކައި "ޑާލާ" ޕޯޓަލް އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

މި ޕޯޓަލްގެ ސަބަބުން މީގެ ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ކާރިސާތަކުގެ ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ހަރުދަނާ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. މީގެ ސަބަބުން ކާރިސާތަކުގެ ރިޕޯޓްތައް ތައްޔާރުކުރުން އަވަސްވެ، ހެކީގެ މައްޗަށް ބިނާކޮށް ސަރުކާރުގެ އިދާރާތަކުން ނިންމުންތައް ނިންމުމަށާއި، ރިކަވަރީ އެކްޝަންތައް ރޭވުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ޕޯޓަލްއަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރާއި، ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށްވާ 'ސެންޑާއީ ފްރޭމްވޯކް' އާއި 'އާލީ ވޯނިންގްސް ފޯ އޯލް' އިސްނެގުމާ އެއްގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މީގެ ސަބަބުން ކާރިސާތަކުން ކުރާ އަސަރުތައް ސާފުކޮށް ދެނެގަނެވި، ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އެހީތެރިވެދޭނެއެވެ.

ޑާލާ ޕޯޓަލް ފަރުމާކޮށްފައިވަނީ ޔޫއެންޑީޕީގެ ފަންޑިންގް ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.