ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ

ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ފަރުހާދު ފިކުރީއާ ހަވާލުކޮށްފި

މުހައްމަދު ހަމީޒް
 
18 ގަޑިއިރު ކުރިން

ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީ ގޮތުން ހިންގެވުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފިއެވެ. މި ބަދަލު ގެންނަވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއެވެ.

މި ނިންމެވުން ނިންމަވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާތީއެވެ. އިސްމާޢީލް ނަވީން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، މުއައްސަސާ ހިންގުމުގެ ޒިންމާ ފަރުހާދު ފިކުރީއާ ހަވާލުކުރެއްވީ 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެންނެވެ.

މި އައްޔަންކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކުރައްވާފައިވާ ކަމެއް ކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި މާއްދާގައި ބަޔާންކުރަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވެއްޖެ ހާލަތެއްގައި ނުވަތަ އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތެވެ.

ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވަން ފެއްޓެވުމާއެކު، މުއައްސަސާގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.