ހޯމް މިނިސްޓަރު އަލީ އިހްސާން

ދަނާލުގައި މަރުވި ކުއްޖާ އެފްސީޕީޑީ އާއި 911އަކަށް ނުގުޅާ: އިހުސާން

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މާލޭގައި ހުންނަ ކުދިން ބައިތިއްބާ ދަނާލުގައި ދިރިއުޅެމުންދިޔަ އަންހެން ދަރިވަރަކު ނިޔާވި ހާދިސާއާ ގުޅޭގޮތުން، އެރޭ ކަންހިނގާދިޔަ ގޮތުގެ ތަފްސީލް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވަނީ ހާމަކުރައްވާފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަނާލުގައި ނިޔާވީ ކޯހެއް ފުރިހަމަކުރުމަށް މާލޭގައި ހުރި އުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ މަރާ ގުޅިގެން އާންމުންގެ މެދުގައި ތަފާތު ވާހަކަތަކާއި ތުހުމަތުތައް ފެތުރެމުންދަނިކޮށް، މިނިސްޓަރު އިހްސާން ވަނީ އެ ހާދިސާގެ މައުލޫމާތު މީޑިއާއާ ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކުއްޖާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ ކުއްޖެކެވެ.

މީގެ ކުރިންވެސް އެ ކުއްޖާއާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ލިބިގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އާއިލާއާ ގުޅިގެން ފުލުހުން އެ ކުއްޖާއަށް ބޭނުންވާ ފަރުވާގެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ފުލުހުންގެ ވިކްޓިމް ސަޕޯޓްގައި މަސައްކަތް ކުރަނީ ތަމްރީނު ލިބިފައިވާ މާހިރުން ކަމަށާއި، އެ ކުއްޖާއަށް އެހީތެރިކަން ދިނުމުގައި އެންމެ އެކަށީގެންވާ ގޮތަށް އަމަލުކުރެވުނުތޯ ފުލުހުން މިހާރު ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކުއްޖާ މަރުވުމުގެ ކުރިން ފުލުހުންގެ ވިކްޓިމް ސަޕޯޓް ލައިނާ ދެއްކި ވާހަކަތަކުގެ ތަފްސީލީ ވަގުތުތައް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އޭޕްރީލް 20 ވަނަ ދުވަހުގެ ރޭ 8:40 ގައި "އައި އޭމް ސޯ ކްލޯޒް ޓު ގިވްއަޕް" ޖަހާފައި އެ ކުއްޖާ މެސެޖު ކުރި ކަމަށާއި، އޭގެ 9 މިނެޓް ފަހުން ފުލުހުން ޖަވާބު ދިން ކަމަށް ވިދާޅުވިއެވެ. އޭގެ ފަހުން 8:50 ގައި އޭނާގެ ވިސްނުންތައް ކޮންޓްރޯލް ނުކުރެވޭ ކަމަށް ބުނެ މެސެޖު ކުރުމަށްފަހު، 8:53 ގައި އެއްވެސް މީހަކަށް ނުގުޅުމަށާއި އޭނާ ރަނގަޅުވާނެ ކަމަށް ބުނެ މެސެޖުތަކެއް ފޮނުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެރޭ 8:56 ގައި ހިނގާލަން ދާކަމަށް ބުނުމަށްފަހު، ދެން މެސެޖެއް ލިބުނީ ދަންވަރު 12:38 ގައި ކަމަށެވެ. އެ މެސެޖުގައި "އައި އޭމް ގޯން" އޭ ބުނެފައި އޮތުމުން، 12:42 ގައި ފުލުހުން އެހީތެރިކަން ބޭނުންތޯ އަހައި މެސެޖު ކުރި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި 12:57 ގައި އެ ކުއްޖާގެ ފޯނު އޮފްލައިން ވި ކަމަށާއި، އޭގެ ކުރިން އޭނާގެ ބޭބެއަށްވެސް މެސެޖެއް ކޮށްފައިވާކަން ފުލުހުންނަށް އެނގުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ފުލުހުންގެ އެކި ނަންބަރުތަކަށް އެ ކުއްޖާ ގުޅަން މަސައްކަތްކުރި ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ވަނީ ދޮގުކުރައްވާފައެވެ. އަދި ދަންވަރު 1:02 ގައި ފުލުހުން އެ ކުއްޖާގެ ބޭބެއަށް ގުޅައި ހާދިސާގެ މައުލޫމާތު ހިއްސާކުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.