ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދަކަމުގައިވާ މަސައްކަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުގެ ނަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހުރިހާ މަސައްކަތްތެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފިއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، މިއަދަކީ މުޅި އަހަރުގެ ތެރޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ހިފަހައްޓައި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އޮންނަ މުހިންމު ދުވަހެއް ކަމަށެވެ. އަދި މަސައްކަތްތެރިންނަށް މިހާރު ދިމާވެފައިވާ ދަތިތަކުގެ އަޑުތައް އުފުލައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެ އަޑުތައް އަހައި، އެކަންކަމަށް ފިޔަވަޅު އެޅުމަކީ މުޅި ދައުލަތުގެ ޒިންމާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ މަސައްކަތްތެރިންގެ ޙައްޤުތަކުގައި މިހާތަނަށް ވަކާލާތުކޮށްފައި ހުރި ކަންކަމަށް އެންމެ ފުރިހަމަ ޙައްލުތައް ގެނެސްދިނުން ކަމަށެވެ. "އަޅުގަނޑުމެންގެ ސަރުކާރުގައި އެކަންކަމަށް އެންމެ ފުރިހަމަ ޙައްލުތައް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސައްކަތުގެ މާޙައުލުގައި ދިވެހިންނަށް އޮތް ފުރުޞަތުތައް އިތުރުކުރުމަށާއި، ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަސައްކަތުގެ މާޙައުލުގައި ދިވެހިންނަށާއި ބިދޭސީންނަށް ދިމާވާ ދަތިތައް ދެނެގަނެ، މިހާރުން މިހާރަށް ޙައްލުކުރަންޖެހޭ ކަންކަން އަވަހަށް ޙައްލުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.