މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގައި ހިނގި ގޭންގު މާރާމާރީއެއްގައި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވަނީ، ގޭންގު ކުށްތައް ހުއްޓުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށްވާއިރު، މަޖިލީހުން ފާސްކޮށްދިން ގޭންގު ކުށްތައް ހުއްޓުވުމުގެ ހާއްސަ ގާނޫނުގެ ދަށުން މިހާތަނަށް ސަރުކާރަށް ހޯދިފައިވަނީ ކޮންކަހަލަ ހައްލުތަކެއްތޯ ސުވާލު ކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، 2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދޭތެރޭގައި، ކޮވިޑް-19 ގެ ހާލަތު ފިޔަވައި ކޮންމެ އަހަރަކު ވެސް ގޭންގު މާރާމާރީތަކުގައި ދިވެހިންގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. އަދި ބައެއް އަހަރުތަކުގައި އެވްރެޖްކޮށް ފަސް މީހުންގެ ފުރާނަ ގެއްލިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް، މި ސަރުކާރު ހަވާލުވި ފަހުން މާތް ﷲ އިރާދަފުޅާއެކު ކުރެވުނު މަސައްކަތުގެ އަލީގައި އަދި މިހާތަނަށް އިރާދަކުރައްވައިގެން އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގޭންގު ކުށެއްގައި ގެއްލިފައި ނުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މަޖިލީހުން ފާސްކޮށްދިން ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ފުލުހުންގެ ތެރޭގައި ގޭންގު ކްރައިމަށް ހާއްސަ ޔުނިޓެއް އުފައްދައި، 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ގޭންގު މާރާމާރީތައް މިހާރު ވަނީ ވަރަށް ބޮޑަށް ހުއްޓުވިފައި ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުށުގެ ވެށީގައި އުޅުނު ކުދިން މިހާރު ވަޒީފާތަކަށް ގޮސް، ރަނގަޅު މަގުތައް ހިޔާރުކުރަމުންދާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް އިހްސާން ވިދާޅުވި އެވެ. ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ކުދިން ހައްޔަރުކޮށް ޖަލަށްލުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ ކުދިން ރީހެބިލިޓޭޓްކޮށް، މުޖުތަމައަށް ބޭނުންތެރި ޒުވާނުންގެ ގޮތުގައި ނެރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.