ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން

ބުލީ ކުރުން ޖިނާއީ ކުށަކަށް ހަދަނީ

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ބުލީ ފަދަ ކަންކަން ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުް އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ އެފަދަ މައްސަކަތަކާ ގުޅިގެން ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ނަމަ އެ ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ.

އޭނަ ވިދާޅުވީ ބުލީ ނުވަތަ ގަނާކުރުން ހިމެނޭހެން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބަލައި ހޯދައި އެކަންކަން ކުރުމުގެ މަސައްކަަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަަށެވެ.

"ވަކިން ހާއްސަކޮށް ބުލީގެ ކަންކަން ސްކޫލުތަކުގައާއި މުޖުތަމައުގެ ތެރޭގައި ކުރަމުންދާދިއުން، މިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ، އަދި ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު އެޓާނީ ޖެނަރަލްގެ އޮފީހާއެކު މަސައްކަަތްތަކެއް ކުރަމުން." އިހުސާން ވިދާޅުވި އެވެ. "ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ދިމަދިމާލުގައި ކަންކަން މިހާރުވަނީ ގޮސްފައި. މިފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅުއެޅޭ ކަމުގައިވާނަމަ ހަރުކަށި ޖިނާއީ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން."

ރާއްޖޭގައި ފަހަކަށް އައިސް ބުލީ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑުކަން ފާހަގަކޮށްލެވެ އެވެ. މީގެ ކުރިން ވެސް މިކަމާ ގުޅިގެން ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެ އެވެ.