ވަޒީރު އަލީ އިހުސާން ރައީސް އޮފީހުގައި ބޭއްވެ ޕްރެސްގެ ތެރެއިން

ވާނުވާ ބަންދުގެ މައްސަލާގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދިއްޖެ: އިހުސާން

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމުގެ ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ޚާއްޞަ ގޮތެއްގައި ކްރިމިނަލް ކޯޓުގައި ހުއްޓިފައިވާ މައްސަލަތައް މިހާރު ވަރަށް ބާރަށް ހިނގަމުންދާ ކަމަށާއި، ކުރީގައި ދުވަސްވީ ޕެންޑިންގ މައްސަލަތައް ވެސް ނިންމަމުންދާ ކަމަށެވެ. ނަމަވެސް، އުންމީދުކުރި ތާރީޚަށް ހުރިހާ މައްސަލަތަކެއް އަދި ނުނިމުނު ނަމަވެސް، މިހާރު ކަންކަން ކުރިއަށްދާ ސްޕީޑަށް ބަލާއިރު ވަރަށް އަވަހަށް މިކަމަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވާނުވާ ބަންދުގެ މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، "މިހާތަނަށް އަޅުގަނޑު ގަބޫލުކުރެވޭ ގޮތުގައި ވަރަށް ބޮޑު ޕްރޮގްރެސްއެއް އަޅުގަނޑުމެންނަށް ހޯދިއްޖެ. މިހާރަށް މިދާ ޕްރޮގްރެސްގައި ދާނަމަ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މި މައްސަލައަށް ޙައްލެއް އަންނާނެ،" ކަމަށެވެ. އަދި މި މައްސަލައިގައި މިހާރު ހުރި ތަފާސްހިސާބުތައް ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ނުރައްކާތެރި ކުށްތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަކީ ތަހުގީގު ނިމެންދެން ބަންދުގައި ބޭތިއްބުން މުހިންމު ބައެއް ނަމަވެސް، އެ ބަންދު އެތައް އަހަރަކަށް ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ މައްސަލައެއް ކަމަށާއި، ސަރުކާރުން އެޑްރެސްކޮށް ހައްލުކުރަން މަސައްކަތް ކުރަނީ އެ ދިގުލައިގެންދާ ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ވަޒީރު ވަނީ މިހާރު ވާނުވާ ބަންދުގައި ތިބި މީހުންގެ ސީދާ އަދަދުތައް ބަލައި، އެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.