މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް އެކުގައި މަސައްކަތްކުރާ ކަމުގެ އިހުސާސް ކުރެވޭ: އިހުސާން

އާއިޝަތު އަނާ ރަޝީދު
 
2 މަސް ކުރިން

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތްކުރާ ކަމުގެ އިހުސާސް މިއަދު ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކުރި ދެ މުހިންމު ނިންމުމަކަށް އިޝާރާތް ކުރައްވަމުންނެވެ.

އިހުސާން މިގޮތަށް ވިދާޅުވީ، ޑްރަގްގެ ބޮޑެއް ބަންދުން ދޫކުރި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޚަބަރާއި، ރާއްޖެއަށް ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޖިލީހުން ފާސްކުރި ޚަބަރު ހިއްސާ ކުރައްވަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މިއަދު މުޅި ދައުލަތް ތެދުވެ، އެއް ރޫހެއްގައި މަސައްކަތް ކުރަން ފަށާފައިވާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނެ ކަަމަށެވެ.

މިނިސްޓަރު އިހުސާން ވަނީ މި ބަދަލު ގެނެވުމުގައި އިސްކޮށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ދިވެހި ރައްޔިތުންނާއި ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، "މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމުމަކީ މިވަގުތަށް ވަރަށް މުހިންމު ނިންމުމެއް" ކަމަށެވެ. އަދި "ފުލުހުންނާއި ވަކީލުންނާއި ފަނޑިޔާރުގެ ވެސް ހިމެނޭހެން އެންމެ ޖަވާބުދާރީ ވާން ޖެހޭ އަދި ކުރުވާނެކަން މިއަދު އިހުސާސްވޭ" ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

ގާޒީ ފާއިޒް ވަކިކުރަން މަޖިލީހުން ފާސްކުރީ، ފުލުހުން ތުހުމަތުކުރާ ޑްރަގްގެ ބޮޑެއް ކަމަށްވާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ ގުޅިގެން، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އޭނާ އަމަލުކޮށްފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސާބިތުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވާ މީހުންނަށް، ދެ ޝަރުތެއް ފުރިހަމަވާ ނަމަ، މަރުގެ އަދަބު ކަނޑައެޅޭނެ ގޮތަށް ވެސް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.