ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު

މަޝްރޫޢުތައް ނިއްމަން ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ: ފަލާޙު

މުހައްމަދު ހަމީޒް
 
14 ދުވަސް ކުރިން

ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ބާރުސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމުމަށްޓަކައި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުތަކުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިރޭ ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު ވިލިމާލޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެހާހަށްވުރެ ގިނަ މަޝްރޫޢު އިޢުލާންކޮށް، އޭގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލްތަކުން އެ މަޝްރޫޢުތަކަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންދާ ކަމަށް ފަލާޙު ތުހުމަތު ކުރެއްވިއެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރުވެސް ރަށްރަށުގެ އެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރާއި އިދިކޮޅު ކައުންސިލްތައް ރަށްރަށުގައި އެދަނީ ދަތިކުރަމުން. ކޮންމެސް ތަނަކުން ބިމެއް ދޫކުރަންޖެހޭ ތާކުން ބިމެއް ދޫނުކޮށްގެން، ނޫނިއްޔާމު ކަޑަ ޖަހަން ޖެހޭ ތާކަށް ނުބައިކޮށް ކަޑަޖެހިކަމަށް ހަދައިގެން،" ފަލާޙް ވިދާޅުވިއެވެ.

މީގެ އިތުރުން، ބައެއް ރަށްރަށުގައި ހުރި ރުކެއްގެ ހުއްދަ ނުދީގެން ނުވަތަ އެނޫންވެސް ކުދިކުދި ބަހަނާތައް ދައްކައިގެން ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުތައް ހުއްޓުވާފައިވާ ކަން ފަލާޙް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ އެންމެ ބޮޑު ސަބަބަކީ ރައީސް މުޢިއްޒު ބޭނުންފުޅުވާ ބާރުމިނުގައި އެ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމާލުމަށް މަގުފަހިކުރުން ކަމަށެވެ.

"ރަށްރަށުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުހޫރިއްޔާ އަދި މިސަރުކާރުން ފަށަން ނިންމާފައި ހުރި ޕްރޮޖެކްޓްތައް އެހެރީ ހުއްޓުވާފައި، އެހެންވީމާ އަޅުގަނޑުމެން މި ޕާޓީން ނިކުންނަ ކެންޑިޑޭޓުންނަށް ދިވެހި ރައްޔިތުން ވޯޓް ދޭންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރައީސުލްޖުމުހޫރިއްޔާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައްޓަވާފައި މިހުރި މަޝްރޫޢުތައް އަވަސްކޮށް އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑްގައި ގެންގޮސް އެ މަޝްރޫޢުތައް ނިންމުމަށްޓަކައި،" ފަލާޙު ވިދާޅުވިއެވެ.

ފަލާޙް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ހޯދައިދިނުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލަރުން ތިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބު ކުރުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން 1320 ކެންޑިޑޭޓުން ވާދަކުރެއެވެ. އެޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލެވެ.