ރަށްރަށާ 1 ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވާ ގޮތަށް ހަމަޖައްސަނީ

މީހުން ދިރިއުޅޭ ރަށްރަށާ 1 ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވާ ގޮތަށް ގަވާއިދު އިސްލާހު ކުރަނީ

މުހައްމަދު ހަމީޒް
 
6 ދުވަސް ކުރިން

މީހުން ދިރިއުޅޭ ރަށްރަށާ އެއް ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވައިގެން ހިދުމަތް ދޭ ގޮތަށް ގަވާއިދު އިސްލާހު ކުރަން ނިންމަފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަފާރީތަކަކީ ލައިސަންސް އޮވެގެން ރިސޯޓްތަކުގައި އޮންނަހެން، ސަފާރީގައި ނިދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނަ ބައެއް ނަމަވެސް، ލޯކަލް ޓޫރިޒަން ހިންގާ ރަށްތައް ކައިރީގައި ސަފާރީ ބާއްވާއިގެން ނުގަވާއިދުން، އެތައް ނޭދެވޭ ކަންކަން ހިނގަމުންދާ ކަމަަށެވެ.

ރައްޔިތުންގެ ޝަކުވާތައް އެމަނިކުފާނަށް ލިބެމުން އަންނަ ކަންކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ދީނީ ގޮތުންނާއި، އިހްލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށްރަށުގައި ހިނގަން ނުޖެހޭ ކަންކަން ހިނގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިކަންކަން ރަނގަޅު ކުރުމަށް، ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ގަވާއިދުތައް އިސްލާހު ކުރަމުންދާ ކަމަށެވެ.

"ރަށު ތެރޭގައި ޓޫރިސްޓުން އުޅޭއިރުގައި ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި މިކަންކަން މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހު ގެނައި. ގެނެސް ދާދި އަަަވަހަށް ގެޒެޓް ކުރެވިގެން ދާނެ، ނަމަވެސް މިކަންކަން ތަންފީޒު ކުރުމުގައި ފުލުހުންގެ މުއައްސަސާ ކަމުގައިވިޔަސް، އަދި ޓޫރިޒަމް މިނިސްޓްރީ ކަމުގައިވިޔަސް، ޑޭޓުޑޭ އެއްބާރުލުން ދޭން ޖެހޭ ފަރާތްތަކަކީ ކައުންސިލުން،"

ރައީސް ވިދާޅުވީ، ގައުމުގައި ގޯސްމަގުން ކަންކަން ވެގެންދާކަން ބޭނުން ނުވާކަމާއި، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ވިސްނުން ކައުންސިލްތަކުގައި ހުންނަން ވާނެ ކަމަަށެވެ.