ކުންފުނިތަކަށް ދޭންހުރި ފައިސާގެ 444 މިލިއަން ރުފިޔާ ހަވާލުކޮށްފި: ރައީސް މުއިއްޒު

އާއިޝަތު އަނާ ރަޝީދު
 
3 މަސް ކުރިން

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ، ކުރީގެ ސަރުކާރުގެ ދަށުން އެކި މަޝްރޫއުތައް ހިންގި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެވި ހުރި ބިލްތައް ދޫކުރަން މިމަހުގެ ކުރީކޮޅު ފެށުނު ފަހުން މިހާތަނަށް 444 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު ރައީސް ވިދާޅުވެފައިވަނީ، ކުންފުނިތަކަށް ސަރުކާރުން ނުދީ ހުރި ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ދީ ނިންމާނެ ކަމަށެވެ. ޕީއެންސީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، އެ މުއްދަތު މިމަހުގެ ހަ ވަނަ ދުވަހު ހަމަވިއިރު ފައިސާ ދޫކުރުމުގެ މަސައްކަތް އޭރުން ފެށިގެން ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ، "ފަސް ހަފުތާ ވީތަނާ ބިލުތައް ދައްކަން ފެށުނު. ފެށި ގޮތަށް މިއަދާ ހަމައަށް އައިއިރުގައި، މިހާރު މި ގަޑިއާ ހަމައަށް އައި އިރުގައި، ތަފާތު 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދެވިއްޖެ. 1،040 ފަރާތަކަށް ފައިސާ ދީފިން. އެއީ ޖުމްލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސްއަށް އަޅުގަނޑުމެން ފައިސާ ދައްކައިދީފިން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި،"

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދިނުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރިއަށްދާނެ ކަމަށާއި، އެގޮތަށް ގޮސް ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމަށެވެ.

ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމާ ގުޅިގެން ރޭ ވެސް އެމަނިކުފާނު ކުރީގެ ސަރުކާރަށް ފާޑުވިދާޅުވިއެވެ. އެކަން ސިފަ ކުރެއްވީ މީހުންނަށް ކުރީގެ ސަރުކާރުން ދީފައި އޮތް ދެރައެއްގެ ގޮތުގައެވެ.

ރައީސް ވިދާޅުވީ، "މިދިޔަ ސަރުކާރުން އެކި މަސައްކަތް ކުރުވާފައި، އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތައް އެއީ،"

މީގެ އިތުރުން، މި ސަރުކާރުން ފައިސާ ޗާޕްކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަށް ވެސް އެމަނިކުފާނު ރޭ ރައްދު ދެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އެކި ފަރާތްތަކަށް ދޭން ހުރި ފައިސާ ދެމުން އަންނަނީ ފައިސާ ޗާޕްނުކޮށް ކަމަށާއި، އެކަން މި ސަރުކާރުން ނުކުރާނެ ކަމަށެވެ.

"ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއް ނޫން ފައިސާ ޗާޕް ކުރާކަށެއް،" ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ގއ. އަތޮޅާއި ގދ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ގދ. ހޯޑެއްދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އޭރު ވެސް ހުއްޓެވެ. އެ ފައިސާ ހަފްތާގެ ތެރޭގައި ދައްކާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ރައީސް ވިދާޅުވެފައިވަނީ، ސަރުކާރަށް 51 ހަފްތާ ވިއިރު ސަރުކާރުން އަމިއްލަ ކުންފުނިތަކަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށެވެ.