ފާއިތުވި ދެ އަހަރުގެ ތެރޭގައި 9000އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން ޑީޕޯޓުކޮށްފައިވާ ކަމަށާއި، ބަޔޯމެޓްރިކްސް މައުލޫމާތު އަދާހަމަނުކުރާ އެއްވެސް ބިދޭސީ މަސައްކަތްތެރިއަކަށް މާދަމާއިން ފެށިގެން ރާއްޖޭގައި ދެން ނޫޅެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ހާމަކުރައްވައިފިއެވެ.
މިކަން ފެށުނީ ކިހިނެއް؟ - ރާއްޖެއަށް ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިން، އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުގެ ނަމުގައި ތިބި ނަމަވެސް، އެމީހުންގެ ރަޖިސްޓްރީ ނުކުރެވޭކަން ހޯމްލޭންޑް މިނިސްޓްރީއަށް ފާހަގަވުމާ ގުޅިގެން، މިކަމަށް ހައްލު ހޯދުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ވަނީ ފަށާފަ އެވެ.
ފުރަތަމަ މިކަން ކުރުމަށް ދިން މުއްދަތު ހަމަވީ މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށެވެ. އެއަށް ފަހު އިތުރު މުއްދަތެއް ދިނުމުން ވެސް ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އަޕްޑޭޓް ނުކުރެވުމުގެ ސަބަބުން، މިދިޔަ އޮކްޓޫބަރު މަހު އަނެއްކާވެސް އެ މުއްދަތު އިތުރުކުރެވުނެވެ.
އެންމެ ފަހުން ދިން މުއްދަތު މިއަދަށް ހަމަވާނެ އެވެ. ހޯމް މިނިސްޓްރީން ކުރިން ވެސް ބުނެފައިވާ ގޮތުގައި، މިއަދުގެ ނިޔަލަށް މައުލޫމާތު އަދާހަމަނުކުރާ ބިދޭސީންނަށް ދެން އިތުރު މުއްދަތެއް ނުދީ، ސީދާ ޑީޕޯޓުކުރާނެ އެވެ.
ރައީސް މުއިއްޒު ޕީއެންސީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މީގެ ކުރިން އޮތް ހުރިހާ ސަރުކާރެއްގައި ވެސް ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. މި ސަރުކާރުން މިކަން ހައްލުކުރަން މަސައްކަތް ފެށިއިރު، ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދު ވެސް ސާފުކޮށް އެނގޭނެ އެއްވެސް ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ވެސް ނެތް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ދެއްވި މައުލޫމާތުތަކުގެ ތެރޭގައި ހިމެނެ އެވެ:
- ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ފެށި 'ކުރަނގި' އޮޕަރޭޝަންގެ ދަށުން މިހާތަނަށް 191،023 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފި އެވެ.
- ރާއްޖޭގައި ތިބީ ކޮން ބިދޭސީންނެއްކަން އަދި އެމީހުން ތިބީ ކޮން ތަނެއްގައިކަން މިހާރު މި ސަރުކާރަށް އެނގެ އެވެ.
- ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ 9021 ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. މިއީ ކުރީ ސަރުކާރަށް ވުރެ %143އަށް ވުރެ އިތުރު އަދަދެކެވެ.
- ޑިޕޯޓުކުރި މީހުންގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންނާއި، ކުށްކުރާ ބިދޭސީންނާއި، ރެގިއުލަރައިޒްވާން ބޭނުންނުވާ މީހުން ހިމެނެ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، "މާދަމާއަށް މި މުއްދަތު ހަމަވަނީ. މާދަމާގެ ނިޔަލަށް ރެޖިސްޓާނުވާ ނުވަތަ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު، އަނެއް ދުވަހުން ފެށިގެން ކުރިއަށްދާ އޮޕަރޭޝަންތަކުގައި ފެނިއްޖެނަމަ، ވަގުތުން ޑީޕޯޓުކުރާނަން. މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ އެހެނިހެން މައުލޫމާތު ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓުކުރާނަން،"
އެނގުން މުހިންމު - ބިދޭސީން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ފަރާތްތައް ޖޫރިމަނާކުރުމާއި، އެ ފައިސާ ނުދައްކަނީސް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު ހިދުމަތެއް ފޯރުކޮށްނުދިނުން ހިމެނެ އެވެ. އެގޮތުން:
- ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ރާއްޖެ ގެނައުމަށް ފަހު އެ ފަރާތާ މެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް 50,000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
- އެ ނޫން ހާލަތްތަކުގައި 100،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
މިކަންކަމާ ގުޅޭ އިތުރު ތަފްސީލުތައް ހޯމް މިނިސްޓަރު އަލީ ވެސް ވަނީ ހާމަކުރައްވާފަ އެވެ.