މިލިޓަރީ ބަޢާވާތައްފަހު 4 އަހަރު ފަހުން މިއަންމާގައި އިންތިހާބު ބާއްވަން ފަށައިފި

މުހައްމަދު ހަމީޒް
 
18 ދުވަސް ކުރިން

މިއަންމާގެ އަސްކަރިއްޔާއިން 2021 ވަނަ އަހަރު ގެނައި ބަޣާވާތެއްގައި ނޯބެލް އިނާމު ހާސިލްކުރައްވާފައިވާ އަންގް ސަން ސޫޗީގެ ދިމިގްރާތީ ސަރުކާރު ވައްޓާލި ފަހުން ބާއްވާ ފުރަތަމަ އާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

އާދީއްތަ ދުވަހު ބާއްވާ، ވަރަށް ބޮޑަށް ހުރަސްތައް ކުރިމަތިވެފައިވާ މި އިންތިޚާބު ކުރިއަށްދަނީ ދެކުނު އިރުމަތީ އޭޝިއާގެ މި ގައުމުގެ 330 ޓައުންޝިޕްގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިގައެވެ. އަސްކަރިއްޔާއާއި އިދިކޮޅު ބާރުތަކާ ދެމެދު ހިނގަމުންދާ ވަރުގަދަ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގައުމުގެ ބޮޑު ސަރަހައްދަކަށް ވަނުމަކީ މިވަގުތު ނުކުރެވޭނެ ކަމެކެވެ.

ފުރަތަމަ މަރުހަލާއަށްފަހު، ވޯޓުލުމުގެ އިތުރު ދެ ބުރެއް ޖެނުއަރީ 11 އަދި ޖެނުއަރީ 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ 65 ޓައުންޝިޕެއްގައި ވޯޓުލުން ވަނީ ކެންސަލްކޮށްފައެވެ.

މިއަންމާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޔަންގޫންގައި ހުރެ އަލްޖަޒީރާގެ ޓޯނީ ޗެންގް ރިޕޯޓްކުރި ގޮތުގައި، "މީގެ މާނައަކީ މި މަރުހަލާގައި ގައުމުގެ މަދުވެގެން 20 އިންސައްތަ މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިފައިވާ ކަމެވެ. އެންމެ ބޮޑު ސުވާލަކީ ސިޓީތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ހުންނާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ."

ޔަންގޫންގައި ވޯޓުލާ މަރުކަޒުތައް އާދީއްތަ ދުވަހުގެ ހެނދުނު 6:00 ގައި (ޖީއެމްޓީން ހޮނިހިރު ދުވަހުގެ 23:30 ގައި) ހުޅުވާފައިވާއިރު، އިރު އެރިފަހުން "ވޯޓުލާ މީހުން އާދައިގެ މިންވަރަކަށް އަންނަމުންދާ ތަން ފެނިފައިވާ" ކަމަށް ޗެންގް ބުންޏެވެ.

"ނަމަވެސް ވޯޓުލާން އަންނަނީ އާންމުކޮށް މެދުއުމުރުގެ މީހުން، ޒުވާނުން މާ ގިނައިން ފެންނާކަށް ނެތް. ވޯޓު ކަރުދާހަށް ބަލާއިރު، އިޚްތިޔާރު ކުރެވެން އޮތީ ވަރަށް މަދު ގޮތްތަކެއް. އޭގެ ތެރެއިން ގިނައީ އަސްކަރިއްޔާއަށް ތާއީދުކުރާ ޕާޓީތައް،" އޭނާ ބުންޏެވެ.

އދ. އާއި، ހުޅަނގުގެ ބައެއް ގައުމުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި އިންތިޚާބަކީ މިނިވަން، އިންސާފުވެރި ނުވަތަ އިތުބާރު ހުރި އިންތިޚާބެއް ނޫން ކަމަށް ބުނެ ފާޑުކިޔާފައެވެ. އަދި އަސްކަރިއްޔާއާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މި އިންތިޚާބުގައި ވާދައެއް ނުކުރެއެވެ.

2020 ވަނަ އަހަރު ބޭއްވި އެންމެ ފަހުގެ އާންމު އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރި ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ގެ ލީޑަރު އަންގް ސަން ސޫޗީ އަދިވެސް ހުންނެވީ ބަންދުގައެވެ. އަދި އޭނާގެ ޕާޓީ ވަނީ އުވާލާފައެވެ.

އަސްކަރިއްޔާއަށް ތާއީދުކުރާ ޔޫނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީ (ޔޫއެސްޑީޕީ) އަކީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކުރިހޯދާނެ ކަމަށް ބެލެވޭ ޕާޓީއެވެ.

2021 ވަނަ އަހަރުން ފެށިގެން މިއަންމާގައި ވެރިކަން ކުރަމުންދާ އަސްކަރިއްޔާއިން ބުނާ ގޮތުގައި، މި ވޯޓަކީ 55 މިލިއަން މީހުންގެ މި ގައުމަށް ސިޔާސީ އަދި އިގްތިސާދީ ގޮތުން އާ ފެށުމަކަށް ލިބޭ ފުރުސަތެކެވެ. ސީނިއާ ޖެނެރަލް މިން އަންގް ހްލައިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މި އިންތިޚާބަކީ ގައުމު އެއްބައިވަންތަކުރުމަށް އޮތް މަގެއް ކަމަށެވެ.

އާންމު ހެދުމުގައި ހުންނަވައި، އަސްކަރީ ވެރިޔާ ވަނީ ގައުމުގެ ވެރިރަށް ނޭޕީޑޯގައި ވޯޓުލާ މަރުކަޒުތައް ހުޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވޯޓުލައްވާފައެވެ. އެއަށްފަހު އޭނާ ވަނީ ދެލި އުނގުޅާފައިވާ އިނގިލި ދައްކާލައްވައި ބޮޑު ހިނިތުންވުމަކާއެކު ފޮޓޯއަށް ހުއްޓިވަޑައިގެންފައެވެ.

އެއް ފަހަރަށްވުރެ ގިނަ ފަހަރު ވޯޓު ނުލާކަން ކަށަވަރު ކުރުމަށްޓަކައި، ވޯޓުލާ މީހުން ވޯޓުލުމަށްފަހު ފޮހެލަން އުނދަގޫ ދެލީގެ ތެރެއަށް އިނގިލި ބާނަން ޖެހެއެވެ.

އޭނާ ފަހުން ނޫސްވެރިންނަށް ވިދާޅުވީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަމަށާއި، އަސްކަރިއްޔާއިން އިންތިޚާބު ބާއްވާތީ އޭގެ ސައްހަކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

ސަރުކާރުން ހިންގާ 'ގްލޯބަލް ނިއު މިއަންމާ' ނޫހުގެ ޚިޔާލު ކޮލަމެއްގައި އާދީއްތަ ދުވަހު ބުނެފައިވަނީ، މި އިންތިޚާބަކީ އާ ބާބެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި، މިއީ "މިއަންމާގެ ރައްޔިތުން ފާގަތި މުސްތަގުބަލަކަށް ވާސިލްވުމަށް އެޅޭ ފާލަމެއް" ކަމަށެވެ.

މީގެ ކުރިން އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާ، ޗައިނާ، ބެލަރޫސް، ކަޒަކިސްތާން، ކެމްބޯޑިއާ، ވިއެޓްނާމް، ނިކަރާގުއާ އަދި އިންޑިއާގެ އިންތިޚާބީ އޮބްޒާވަރުން ވަނީ އިންތިޚާބުގެ ކުރިން އެ ގައުމަށް ގޮސްފައެވެ.