ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން

ނޯތް ކޮރެއާއިން ދުނިޔެ ސިއްސުވާލާނެފަދަ ގޮތަކަށް މިސައިލް އިތުރު ކުރުމަށް ނިންމައިފި

މުހައްމަދު ހަމީޒް
 
20 ދުވަސް ކުރިން

އުތުރު ކޮރެއާގެ އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރުގެ މިންވަރު އިތުރުވަމުންދާތީ، މިސައިލާއި އާޓިލަރީ އުންޑަ އުފެއްދުން އަވަސްކުރުމަށާއި އިތުރު ފެކްޓްރީތައް ބިނާކުރުމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން އަމުރުކުރައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ދައުލަތުގެ މީޑިއާ، ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައެވެ.

ކިމް ޖޮންގް އުން މި އަމުރު ނެރުއްވީ އެ ގައުމުގެ އިސް އޮފިޝަލުންނާއެކު ހަތިޔާރު އުފައްދާ ކާރުޚާނާތަކަށް ކުރެއްވި ޒިޔާރަތެއްގައެވެ. ކޭސީއެންއޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ބުރަ އަހަރަށް ތައްޔާރުވުމަށް ކިމް ވަނީ ފެކްޓްރީތަކަށް އިރުޝާދު ދެއްވާފައެވެ. "ގައުމުގެ މިސައިލާއި އުންޑަ އުފައްދާ ދާއިރާއަކީ ހަނގުރާމަ ހުއްޓުވުމުގެ ބާރު (ވޯ ޑިޓަރެންޓް) ވަރުގަދަކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ދާއިރާ،" ކިމް ވިދާޅުވި ކަމަށް އެ އެޖެންސީން ބުނެއެވެ.

މީގެ އިތުރުން، އުތުރު ކޮރެއާގެ ކަނޑުގެ ސިފައިންނަށް ބޭނުންވާ 8,700 ޓަނުގެ ނިއުކްލިއާ ސަބްމެރިންއެއް ބަނުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ކިމް ވަނީ ޝިޕްޔާޑަކަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. މި ސަބްމެރިންއަކީ ކަނޑުގެ ސަތަހައިން ވައިގެ ތެރެއަށް މިސައިލް ފޮނުވާލުމުގެ ގާބިލުކަން ލިބިގެންވާ އުޅަނދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ މިދިޔަ މާރިޗު މަހަށްފަހު މި ސަބްމެރިންގެ ފޮޓޯތައް ދައުލަތުގެ މީޑިއާއިން އާންމުކުރި ފުރަތަމަ ފަހަރެވެ.

ސޯލްގައި ހުންނަ ކޮރެއާ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ޔުނިފިކޭޝަންގެ ސީނިއާ ރިސާޗް ފެލޯ ހޮންގް މިން ވިދާޅުވި ގޮތުގައި، ސަބްމެރިންގެ ބޭރުގެ ފަރުމާއަށް ބަލާއިރު އޭގައި ނިއުކްލިއާ ރިއެކްޓަރެއް ހަރުކޮށްފައިވާކަން އެނގެއެވެ. އަދި އެ އުޅަނދު މިހާރު އޮތީ ދަތުރުތަކަށް ގާތްގަނޑަކަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ޒިޔާރަތުގައި ކިމް ވަނީ ދެކުނު ކޮރެއާއިން ނިއުކްލިއާ ސަބްމެރިން ބަނުމަށް ކުރާ މަސައްކަތަކީ ސަރަހައްދީ ހަމަޖެހުން ގެއްލި، އުތުރު ކޮރެއާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މިސައިލް އުފެއްދުން އިތުރުކުރުމުގެ އިތުރުން، ކަނޑުގެ ސަރަހައްދުގައި މަތިންދާބޯޓަށް ހަމަލާދޭ އާ ބާވަތެއްގެ މިސައިލްތަކެއް ޓެސްޓުކުރުމުގެ ހަރަކާތްތައް ވެސް ކިމް ވަނީ ބައްލަވާލައްވާފައެވެ. އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ވޯކާސް ޕާޓީގެ ކޮންގްރެސްގައި އާ މޮޑަނައިޒޭޝަން ޕްލޭންތައް ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުހައްލިލުން ދެކޭގޮތުގައި އުތުރު ކޮރެއާއިން މިސައިލް ޓެސްޓުތައް އިތުރުކުރަނީ އެމެރިކާއާއި ދެކުނު ކޮރެއާއަށް ފިއްތުންތައް ކުރިމަތިކުރުމަށާއި، ރަޝިޔާއަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ކުރިން އެ ތަކެތީގެ ފެންވަރު ބެލުމުގެ މަގްސަދުގައެވެ. މި ފަހަކަށް އައިސް ޕިޔޮންގްޔަންގް އާއި މޮސްކޯއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތްތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެފައިވާއިރު، ޕިއޮންޔަންގާއި މޮސްކޯއާ ދެމެދު އޮތް ވަރުގަދަ ގުޅުން މިހާރު ވަނީ އިތުރަށް ބަދަހިވެފައެވެ. އެނަލިސްޓުން ބުނާ ގޮތުގައި، ކިމް ޖޮންގް އުން އާއި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ސޮއިކުރެއްވި ދިފާއީ އެއްބަސްވުމުގެ ދަށުން، ރަޝިޔާގެ ސިފައިންނަށް އެހީތެރިވުމަށްޓަކައި އުތުރު ކޮރެއާއިން ވަނީ ސިފައިންނާއި، އާޓިލަރީ އުންޑަޔާއި، މިސައިލް އަދި ދުރު ރާސްތާގެ ރޮކެޓް ސިސްޓަމްތައް ފޮނުވާފައެވެ.

ޕިއޮންޔަންގުން ދޭ އަސްކަރީ އެހީތެރިކަމުގެ ބަދަލުގައި، ރަޝިޔާއިން އުތުރު ކޮރެއާއަށް މާލީ އެހީތެރިކަމާއި، އަސްކަރީ ޓެކްނޮލޮޖީގެ އިތުރުން ކާބޯތަކެއްޗާއި ހަކަތަ ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޮސްކޯއިން ދޭ އެހީތެރިކަމުގެ ތެރޭގައި ފަހުގެ ޖައްވީ އަދި ސެޓެލައިޓް ޓެކްނޮލޮޖީ ހިމެނޭ ކަމުގެ ހެކި އެބަހުރި ކަމަށް ވޮޝިންގޓަނުން ވެސް ވަނީ ބުނެފައެވެ.

އުތުރު ކޮރެއާއަށް ނިސްބަތްވާ ދިރާސާވެރިއެއް ކަމަށްވާ އާން ޗަން-އިލް ބުނި ގޮތުގައި، ޕިއޮންޔަންގުން އުންމީދު ކުރަނީ "ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން އާއި ފައިޓާ ޖެޓް ފަދަ ރަޝިޔާގެ ކުރިއަރާފައިވާ އަސްކަރީ ޓެކްނޮލޮޖީތައް ހޯދުމަށެވެ."